Saturday, February 8, 2014

ޚިދުމަތެއް ފޯރުކޮށްދޭވޭނެ އެންމެ ރަގަޅު އެންމެ ޚަރަދު ކުޑަގޮތް ހޯދުން




ޚިދުމަތެއް ރަގަޅަށް މޮޅަށް ދޭށޭ ތަނަކުން ބުނާއިރު އެކަމާ ހަވާލުވެފައިތިބޭ ވެރިންނާއި ތިބި މުވައްޒަފުން އެންމެ އަވަހަށް އެތަނެއްގެ މެނޭޖްމަންޓްގައި އެދޭނެކަމަކީ މުވައްޒަފުން އިތުރު ކުރުމެވެ. ކޮންމެ ކަމަކަށް މުވައްޒަފެއް ލައިގެން ވަރަށް އަވަހަށް މޮޅަށް ޚިދުމަތް ދޭ ތަނަކަށް އެތަން ހަދާ ނިމޭއިރު އެތަނުގެ ބެލެންސް ޝީޓަށް ނުވަތަ ބަޖެޓަށް އޮންނާނީ ގިނަފަހަރަށް ބުރަ ބޮޑުވެ ރަތަށް އަރާފައެވެ. ކޮންމެ ބައްޔަކަށް ޕެނެޑޯލްގުޅައެއް ކައިގެން ފަރުވާ ހޯދުމުގެ ބަދަލުގައި ބަލިރަގަޅަށް ދެނެގަނެ ބަލީގެ އަސްލު ހޯދައި އެޖެހިގެން އުޅޭ ކަމަކަށް ސިދާ ފަރުވާ ކުރާ އުސޫލުން ޚިދުމަތެއް މޮޅަށް އަވަހަށް ދޭން އެދުމުން މުވައްޒަފުންގެ އިތުރުން ތިމާ ވިސްނާލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. ތެދެކެވެ. މިއިން ކޮންމެ ކަމެއްވެސް ގުޅިފައިވަނީ މުވައްޒަފުންގެ ފެންވަރާއި މިންވަރުގެ މައްޗަށެވެ. އަކަމު ވިސްނާލަންޖެހޭ ކަމަކީ، ޚިދުމަތެއް ރަގަޅުކުރުމުގެ ގޮތުން ރާއްޖޭގައި ގިނަފަހަރަށް ހަދާންނައްތާލެވިފައިވާ ވަރަށް މުހިއްމުކަމެއްކަމަށްވާ، އެޚިދުމަތް ދެވޭނެ އެންމެރަގަޅު ގޮތް (Process) ވަރަށް މުހިއްމު ރޯލެއް ކުޅޭކަމެވެ. 


ޚިދުމަތް ދެވޭނެ އެންމެރަގަޅު ގޮތަކީ ކޮބައިތޯ ވިސްނާލާޢިރު މިސާލަކަށް ރިސެޕްޝަންގައި ވަރަށް ގިނަ މުވައްޒަފުން ބައިތިއްބައި އަންނަ ކޮންމެ މީހަކަށް ވަރަށްއަވަހަށް ކަމެއް ނިންމޭ ގޮތަށް ހެދުމާއި ރިސެޕްޝަންގައި މަދު މުވައްޒަފުން ބައިތިއްބައި އަންނަ ކޮންމެ ފަރާތަކަށް އިރުގަޑަކު މަޑުކޮށްގެން ޚިދުމަތް ދެވުމާއި މިދެކަމުން ތިމާ ޚިޔާރު ކުރާނީ ކޮން ގޮތެއްތޯ ބެލިދާނެއެވެ. އެއްކޮޅުން ވަރަށް ގިނަ މުވައްޒަފުން ބައިތިއްބައިފިނަމަ އެމުވައްޒަފުން ފުލް ކެޕޭސިޓީގައި މަސައްކަތް ކުރުމަށްވުރެ ލިބޭ ހުސްވަގުތު ގިނަވާނެއެވެ. އަދި ވަރަށް މަދު މުވައްޒަފުން ބައިތިއްބައިފިނަމަ ކަމެއްނެތިފައި ނުތިބެ މުވައްޒަފު ބިޒީވާނީ އަބަދު މަސައްކަތުގައެވެ. މިހާލަތުގައި މަދު ލާރި ކޮޅަކުން ޚިދުމަތެއް ދެވެއެވެ. އަނެއް ހާލަތުގައި ބައިވަރު ޚަރަދުތަކެއް ކޮށްގެން ޚިދުމަތް ހޯދާ ފަރާތްތައް ހިތްހަމަޖައްސައި ދީ ނިމޭއިރު ކޮށްދެވުނުކަމަކާއި ޚަރަދާ ނުބައްދަލުވުމަކީ ނުވެނުދާނެކަމެކެވެ. އެހެންކަމުން ފިހާރަ ނުވަތަ އޮފީހުން އެކަށީގެންވާ މިންވަރަކަށް މުވައްޒަފުން ލައިގެން އެކަށީގެންވާ ރަގަޅު ފެންވަރެއްގައި ރަގަޅު ގޮތަކަށް ޚިދުމަތް ދިނުމަށް ތިމާ ވިސްނަންޖެހޭ މައިގަޑު 4 ކަމެއް ވެއެވެ. 

1. ޚަރަދު: ޚަރަދަކީ ޚިދުމަތެއް ނުވަތަ އެއްޗެއް އުފެއްދުމަށް ނުވަތަ ހޯދުމަށް ހިނގާ އެންމެހާ ޚަރަދުން ޔުނިޓަކަށް ބަހާލީމާ ޖެހޭ މިންވަރެވެ. މީގެ ތެރޭގައި މުވައްޒަފުންނާއި، މެޝިނަރީއާ، ރޯމެޓީރިއަލްއާއި އަދި އުފެއްދުމަށް ބޭނުންވާ އެހެނިހެން ކަންކަން ހިމެނެއެވެ.

2. ފެންވަރު: ފެންވަރު 2 ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ތަކެތީގެ ފެންވަރާ އެތަކެތި ނުވަތަ ޚިދުމަތް ދިނުމަށް ކަޑައްތުކުރަންޖެހޭ މަރުހަލާތަކުގެ ފެންވަރުގެ މައްޗަށެވެ. ތައްޔާރުކުރާ ތަކެތި ނުވަތަ ޚިދުމަތް ކޮލިޓީ ރަގަޅުވުމާއި އެޚިދުމަތް ނުވަތަ ތަކެތި ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި ޚިދުމަތް ހޯދާފަރާތްތަކުން ކަޑައްތުކުރަންޖެހޭ މަރުހަލާ ތަކާއި އެއިން ކޮންމެ މަރުހަލާއެއްގައި ޚިދުމަތް ހޯދާ ފަރާތުން ހޭދަކުރާ ވަގުތާއި އެކަމަށް ތަނުން ކުރާ ހޭދަ މީގެ ތެރޭގައި ހިމެނެއެވެ.

3.      ވައްތަރު: ތަފާތު މީހުންގެ ބޭނުންތަކަށް ފެތޭހެން ޚިދުމަތް ނުވަތަ ތަކެތި ތައްޔާރުކޮށް ދިނުމުގެ ގާބިލްކަން: މިސާލަކަށް ރެސްޓޯރެންޓެއްނަމަ ކިތައްވައްތަރުގެ އުފެއްދުން ތައްޔާރުކުރޭތޯއެވެ. ކޭބަލް ނެޓް ސަރވިސްއެއެއްނަމަ ކިތައްވައްތަރުގެ ޗެނެލްތޯ

4. ވަގުތު: ވަގުތަކީ މީހަކު އެއެއްޗެއް ހޯދުމަށް ހޭދަކުރަންޖެހޭ ވަގުތެވެ. މިސާލަކަށް ރެސްޓޯރެއްޓެއްގައި އޯޑަރު ދިނުމުން ފެށިގެން ކައިގެން ބިލްދެއްކުމާހަޔަށް ހޭދަކުރަންޖެހޭ ވަގުތާއި، ހޮސްޕިޓަލެއްގައިނަމަ އެޕޮއިންޓްމަންޓް ހޯދުމުން ފެށިގެން ޑޮކްޓަރަށް ދައްކާ ޓެސްޓްހަދާ ބޭސްނެގުމާހަމަޔަށް މީހަކަށް ހޭދަކުރަންޖެހެނީ ކިހާވަގުތެއްތޯ ނުވަތަ ކިތައް ދުވަސްތޯ؟

މިކަންކަމަށް ވިސްނާލުމަށްފަހު ދެން ބަލަންޖެހެނީ ތިމާކުރާ މަސައްކަތްކުރާ އެހެން ފަރާތްތަކުން އެވްރެޖްކޮށް ޚަރަދަށާއި، ފެންވަރަށާއި، ޚިދުމަތް ތަފާތުކުރުމަށާއި އަދި ޚިދުމަތް ދިނުމަށް ކިހާ ޚަރަދެއްކުރޭތޯއާއި ޚިދުމަތް ހޯދާ ފަރާތްތަކުން ކިހާވަގުތަކާއި މަސައްކަތެއް (އެކިމަރުހަލާތަކުގައި) އެއެއްޗެއް ހޯދުމަށް ކުރޭތޯއެވެ؟ މިކަމަކީ އަމަލީގޮތުން ތިމާގެ ވާދަވެރި އެހެންފަރާތްތަކުން ޚިދުމަތް ލިބިގަނެގެން ނުވަތަ މާރކެޓް އާއި އިންޑަސްޓްރީ ރިސާރޗް ހަދައިދޭ ކުންފުނިތައް މެދުވެރިކޮށް އެއްކުރެވިދާނެ މައުލޫމާތެކެވެ. މިކަންކަން ބަލައި ތިމާގެ ޚިދުމަތް ނަންމަތިކުރަން ބޭނުންވާ ކަމަކީ ކޮބައިތޯ ކަނޑައަޅައި އެކަމަކަށް ފޯކަސްކޮށްގެން ޚިދުމަތްދިނުމުގެ މުޅި މަރުހަލާ ރަގަޅަށް ބައްޓަން ކޮށް ރަގަޅު ޚިދުމަތެއް ދީގެން ވިޔަފާރި އަދި ހިންގުމުގައި އެންމެ ކުރިއަށް ޖެހިލެވިދާނެއެވެ.

No comments:

Post a Comment

ޚިދުމަތެއް ފޯރުކޮށްދޭވޭނެ އެންމެ ރަގަޅު އެންމެ ޚަރަދު ކުޑަގޮތް ހޯދުން

ޚިދުމަތެއް ރަގަޅަށް މޮޅަށް ދޭށޭ ތަނަކުން ބުނާއިރު އެކަމާ ހަވާލުވެފައިތިބޭ ވެރިންނާއި ތިބި މުވައްޒަފުން އެންމެ އަވަހަށް އެތަނެއްގެ މެ...