Thursday, May 9, 2013

ވަގުތު






ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި އުޅޭ އެއްބަޔަކީ މަސައްކަތަށް ދިއުމާއިއެކު ހެނދުނުގެ ބޮޑުބައެއް އިންޓަރނެޓަށްވަދެ ނޫސްބެލުމާއި އިޖްތިމާއީ ގުޅުންތަކުގައި ހޭދަކޮށް ރައްޓެހިންނާއިއެއްކޮށް ކޮފީ ނުވަތަ ސައި ބުއިމަށްފަހު އިތުރު ގަޑީން ބަޔަކާއި އެއްކޮށް ތިމާގެ މަސައްކަތްތައް ކުރެވޭތޯއުޅޭ ބައެކެވެ. މިބައިމީހުންނަށް އާއިލާއާއި އެއްކޮށް ހޭދަކުރަން އޮންނަ ވަގުތުގެ ބޮޑުބައެއް އޮފީހުގައި ނުވަތަ ކުންފުނީގެ މަސައްކަތުގައި ހޭދަކުރަންޖެހި ތިމާއަކީ ވަރަށް "ބިޒީމީހަކަށް" ވެއެވެ. ކޮންމެއަކަސް އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ ވައްކަން ކުރުމަކީ ތިޖޫރީއަކުން ފައިސާތަކެއް ސިއްރުން ނެގުންފަދަ ކަމެއް ކުރުމެވެ.  އެކަމަކު ތިމާއަށް މުސާރަދޭފަރާތުން ބޭނުންވާ ކަންކަން ނުކުރެވި ބަރާބަރަށް މުސާރަ ނަގާނަމަ އެއީވެސް ވައްކަމެއް ނޫންކަމަކަށް ނުވާނެއެވެ.

އަނެއް ބަޔަކީ ހަމަ ހަގީގަތުގައިވެސް ޒިންމާތަކާ ތިމާގެ ބެލުމުގެ ދަށުން ނިންމަންޖެހޭ ކަންކަމުގައި ވަގުތު ހޭދަކޮށްގެންވެސް އެމީހެއްގެ އަދި އެއޮފީހެއްގެ މަގުސަދުތައް ހާސިލް ނުވެ ކުރެވުނު ނުކުރެވުނު ކަމެއްނޭގި ބުރަކަމުން މާޔޫސްވެފައި ތިބޭ ބައެކެވެ. މިއީ އެމީހާގެ ލެވެލް ނުވަތަ އޮފީހުގެ ލެވެލްގައިވެސް އެއްވެސް ޕްލޭނެއް ނެތްކަން ދޭހަކޮށްދޭ ކަމެއްވެސް މެއެވެ.

ކޮންމެ ތައްގަޑަކަށް ފެތޭމީހަކުކަމުގައި ވިޔަސް ވަގުތު އޭގެ އެންމެ އެދެވޭގޮތުގައި ބޭނުންކުރަން ދަސްވުމަކީ ކާމިޔާބުގެ 60 އިންސައްތައޭ ބުނެވިދާނެއެވެ. ވަގުތު އެންމެ އެދެވޭގޮތެއްގައި ބޭނުންކުރުމާއިބެހޭ ގޮތުން ފޮތެއް ލިއުއްވި ޕީޓަރ ބްރެގްމަން ބަޔާންކުރާގޮތުން އަހަރުތެރޭގައި ތިމާ އެންމެ މުހިންމުކަންދޭ 5 ކަމެއް ކަނޑައެޅުމަށްފަހު ތިމާގެ ވަގުތުގެ 95 އިންސައްތަ އެކަންކަން ލިބިގަތުމަށް ކުރެވޭ ކަންކަމަށް އިސްކަން ދިނުމުން ތިމާގެ މަގްސަދު ހާސިލްކުރަން ފަސޭހަވާނެއެވެ.

މަގްސަދުތައް ހާސިލްކުރުމާބެހޭގޮތުން  އޮފީހުގެ ލެވެލްގައި ޕްލޭންތަކެއް ހެދެއެވެ. ހަމައެގޮތަށް ތިމާގެ އަމިއްލަ ލެވެލްގައި ވެސް ތިމާ ހާސިލްކުރަން ބޭނުންވާ ކަންކަން ދެނެގަނެ ވަގުތު ކަނޑައަޅައި އެކަމަށް މަސައްކަތްކޮށް އެކަންކަމާ ތިމާ ދުރުކޮށްގާފިލްކޮށްދޭ ކަންކަމުން ރައްކާތެރިވުމަށް މަސައްކަތް ކުރަންޖެހެއެވެ. މަސައްކަތުގެ ތެރޭގައި ކަމަކަށް ވަގުތު ހޭދަކުރާއިރުވެސް ތިމާއަށް މުސާރަދޭފަރާތުން ހަވާލުކޮށްފައިވާ ކަންކަން ނިންމުމަށް އެހޭދަކުރާ ވަގުތުން، ކިހާވަރަކަށް މަގުފަހިވޭތޯ ވިސްނާލަންޖެހެއެވެ. އިންޓަރނެޓަށް ވަދެ ނުވަތަ އަބަދު ފޯނުން ވާހަކަ ދައްކައި ނުވަތަ ކޮފީބޯން ދިއުމުގެ ކުރިން އުޖޫރަ ދޭފަރާތުން ހާސިލްކުރަން ބޭނުންވާ ކަންކަމަށް އެކަމުން ކުރާނެ ފައިދާއާއި މެދު 24 ސިކުންތު ވަންދެން ވިސްނާލުން ކީއްތޯއެވެ.

ހަމަ އެއާއިއެކު ތިމާގެ ގޭގައިވެސް ކަމަކަށް ވަގުތު ހޭދަކުރާއިރު ތިމާއާ ތިމާގެ އާއިލާގެ ދުޅަހެޔޮކަމަށް އެކުރާކަމަކުން ފައިދާވަނީ ކިހާވަރަކަށްތޯ ބަލައި ވަކި ކަމެއް ހާސިލްކުރުމަށް ނޫނީ ހަޔާތުގެ އެންމެ މިނިޓެއްވެސް ހޭދަކުރުން ބުއްދިވެރިއެއް ނޫނެވެ. 

No comments:

Post a Comment

ޚިދުމަތެއް ފޯރުކޮށްދޭވޭނެ އެންމެ ރަގަޅު އެންމެ ޚަރަދު ކުޑަގޮތް ހޯދުން

ޚިދުމަތެއް ރަގަޅަށް މޮޅަށް ދޭށޭ ތަނަކުން ބުނާއިރު އެކަމާ ހަވާލުވެފައިތިބޭ ވެރިންނާއި ތިބި މުވައްޒަފުން އެންމެ އަވަހަށް އެތަނެއްގެ މެ...