Saturday, February 8, 2014

ޚިދުމަތެއް ފޯރުކޮށްދޭވޭނެ އެންމެ ރަގަޅު އެންމެ ޚަރަދު ކުޑަގޮތް ހޯދުން




ޚިދުމަތެއް ރަގަޅަށް މޮޅަށް ދޭށޭ ތަނަކުން ބުނާއިރު އެކަމާ ހަވާލުވެފައިތިބޭ ވެރިންނާއި ތިބި މުވައްޒަފުން އެންމެ އަވަހަށް އެތަނެއްގެ މެނޭޖްމަންޓްގައި އެދޭނެކަމަކީ މުވައްޒަފުން އިތުރު ކުރުމެވެ. ކޮންމެ ކަމަކަށް މުވައްޒަފެއް ލައިގެން ވަރަށް އަވަހަށް މޮޅަށް ޚިދުމަތް ދޭ ތަނަކަށް އެތަން ހަދާ ނިމޭއިރު އެތަނުގެ ބެލެންސް ޝީޓަށް ނުވަތަ ބަޖެޓަށް އޮންނާނީ ގިނަފަހަރަށް ބުރަ ބޮޑުވެ ރަތަށް އަރާފައެވެ. ކޮންމެ ބައްޔަކަށް ޕެނެޑޯލްގުޅައެއް ކައިގެން ފަރުވާ ހޯދުމުގެ ބަދަލުގައި ބަލިރަގަޅަށް ދެނެގަނެ ބަލީގެ އަސްލު ހޯދައި އެޖެހިގެން އުޅޭ ކަމަކަށް ސިދާ ފަރުވާ ކުރާ އުސޫލުން ޚިދުމަތެއް މޮޅަށް އަވަހަށް ދޭން އެދުމުން މުވައްޒަފުންގެ އިތުރުން ތިމާ ވިސްނާލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. ތެދެކެވެ. މިއިން ކޮންމެ ކަމެއްވެސް ގުޅިފައިވަނީ މުވައްޒަފުންގެ ފެންވަރާއި މިންވަރުގެ މައްޗަށެވެ. އަކަމު ވިސްނާލަންޖެހޭ ކަމަކީ، ޚިދުމަތެއް ރަގަޅުކުރުމުގެ ގޮތުން ރާއްޖޭގައި ގިނަފަހަރަށް ހަދާންނައްތާލެވިފައިވާ ވަރަށް މުހިއްމުކަމެއްކަމަށްވާ، އެޚިދުމަތް ދެވޭނެ އެންމެރަގަޅު ގޮތް (Process) ވަރަށް މުހިއްމު ރޯލެއް ކުޅޭކަމެވެ. 


ޚިދުމަތް ދެވޭނެ އެންމެރަގަޅު ގޮތަކީ ކޮބައިތޯ ވިސްނާލާޢިރު މިސާލަކަށް ރިސެޕްޝަންގައި ވަރަށް ގިނަ މުވައްޒަފުން ބައިތިއްބައި އަންނަ ކޮންމެ މީހަކަށް ވަރަށްއަވަހަށް ކަމެއް ނިންމޭ ގޮތަށް ހެދުމާއި ރިސެޕްޝަންގައި މަދު މުވައްޒަފުން ބައިތިއްބައި އަންނަ ކޮންމެ ފަރާތަކަށް އިރުގަޑަކު މަޑުކޮށްގެން ޚިދުމަތް ދެވުމާއި މިދެކަމުން ތިމާ ޚިޔާރު ކުރާނީ ކޮން ގޮތެއްތޯ ބެލިދާނެއެވެ. އެއްކޮޅުން ވަރަށް ގިނަ މުވައްޒަފުން ބައިތިއްބައިފިނަމަ އެމުވައްޒަފުން ފުލް ކެޕޭސިޓީގައި މަސައްކަތް ކުރުމަށްވުރެ ލިބޭ ހުސްވަގުތު ގިނަވާނެއެވެ. އަދި ވަރަށް މަދު މުވައްޒަފުން ބައިތިއްބައިފިނަމަ ކަމެއްނެތިފައި ނުތިބެ މުވައްޒަފު ބިޒީވާނީ އަބަދު މަސައްކަތުގައެވެ. މިހާލަތުގައި މަދު ލާރި ކޮޅަކުން ޚިދުމަތެއް ދެވެއެވެ. އަނެއް ހާލަތުގައި ބައިވަރު ޚަރަދުތަކެއް ކޮށްގެން ޚިދުމަތް ހޯދާ ފަރާތްތައް ހިތްހަމަޖައްސައި ދީ ނިމޭއިރު ކޮށްދެވުނުކަމަކާއި ޚަރަދާ ނުބައްދަލުވުމަކީ ނުވެނުދާނެކަމެކެވެ. އެހެންކަމުން ފިހާރަ ނުވަތަ އޮފީހުން އެކަށީގެންވާ މިންވަރަކަށް މުވައްޒަފުން ލައިގެން އެކަށީގެންވާ ރަގަޅު ފެންވަރެއްގައި ރަގަޅު ގޮތަކަށް ޚިދުމަތް ދިނުމަށް ތިމާ ވިސްނަންޖެހޭ މައިގަޑު 4 ކަމެއް ވެއެވެ. 

1. ޚަރަދު: ޚަރަދަކީ ޚިދުމަތެއް ނުވަތަ އެއްޗެއް އުފެއްދުމަށް ނުވަތަ ހޯދުމަށް ހިނގާ އެންމެހާ ޚަރަދުން ޔުނިޓަކަށް ބަހާލީމާ ޖެހޭ މިންވަރެވެ. މީގެ ތެރޭގައި މުވައްޒަފުންނާއި، މެޝިނަރީއާ، ރޯމެޓީރިއަލްއާއި އަދި އުފެއްދުމަށް ބޭނުންވާ އެހެނިހެން ކަންކަން ހިމެނެއެވެ.

2. ފެންވަރު: ފެންވަރު 2 ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ތަކެތީގެ ފެންވަރާ އެތަކެތި ނުވަތަ ޚިދުމަތް ދިނުމަށް ކަޑައްތުކުރަންޖެހޭ މަރުހަލާތަކުގެ ފެންވަރުގެ މައްޗަށެވެ. ތައްޔާރުކުރާ ތަކެތި ނުވަތަ ޚިދުމަތް ކޮލިޓީ ރަގަޅުވުމާއި އެޚިދުމަތް ނުވަތަ ތަކެތި ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި ޚިދުމަތް ހޯދާފަރާތްތަކުން ކަޑައްތުކުރަންޖެހޭ މަރުހަލާ ތަކާއި އެއިން ކޮންމެ މަރުހަލާއެއްގައި ޚިދުމަތް ހޯދާ ފަރާތުން ހޭދަކުރާ ވަގުތާއި އެކަމަށް ތަނުން ކުރާ ހޭދަ މީގެ ތެރޭގައި ހިމެނެއެވެ.

3.      ވައްތަރު: ތަފާތު މީހުންގެ ބޭނުންތަކަށް ފެތޭހެން ޚިދުމަތް ނުވަތަ ތަކެތި ތައްޔާރުކޮށް ދިނުމުގެ ގާބިލްކަން: މިސާލަކަށް ރެސްޓޯރެންޓެއްނަމަ ކިތައްވައްތަރުގެ އުފެއްދުން ތައްޔާރުކުރޭތޯއެވެ. ކޭބަލް ނެޓް ސަރވިސްއެއެއްނަމަ ކިތައްވައްތަރުގެ ޗެނެލްތޯ

4. ވަގުތު: ވަގުތަކީ މީހަކު އެއެއްޗެއް ހޯދުމަށް ހޭދަކުރަންޖެހޭ ވަގުތެވެ. މިސާލަކަށް ރެސްޓޯރެއްޓެއްގައި އޯޑަރު ދިނުމުން ފެށިގެން ކައިގެން ބިލްދެއްކުމާހަޔަށް ހޭދަކުރަންޖެހޭ ވަގުތާއި، ހޮސްޕިޓަލެއްގައިނަމަ އެޕޮއިންޓްމަންޓް ހޯދުމުން ފެށިގެން ޑޮކްޓަރަށް ދައްކާ ޓެސްޓްހަދާ ބޭސްނެގުމާހަމަޔަށް މީހަކަށް ހޭދަކުރަންޖެހެނީ ކިހާވަގުތެއްތޯ ނުވަތަ ކިތައް ދުވަސްތޯ؟

މިކަންކަމަށް ވިސްނާލުމަށްފަހު ދެން ބަލަންޖެހެނީ ތިމާކުރާ މަސައްކަތްކުރާ އެހެން ފަރާތްތަކުން އެވްރެޖްކޮށް ޚަރަދަށާއި، ފެންވަރަށާއި، ޚިދުމަތް ތަފާތުކުރުމަށާއި އަދި ޚިދުމަތް ދިނުމަށް ކިހާ ޚަރަދެއްކުރޭތޯއާއި ޚިދުމަތް ހޯދާ ފަރާތްތަކުން ކިހާވަގުތަކާއި މަސައްކަތެއް (އެކިމަރުހަލާތަކުގައި) އެއެއްޗެއް ހޯދުމަށް ކުރޭތޯއެވެ؟ މިކަމަކީ އަމަލީގޮތުން ތިމާގެ ވާދަވެރި އެހެންފަރާތްތަކުން ޚިދުމަތް ލިބިގަނެގެން ނުވަތަ މާރކެޓް އާއި އިންޑަސްޓްރީ ރިސާރޗް ހަދައިދޭ ކުންފުނިތައް މެދުވެރިކޮށް އެއްކުރެވިދާނެ މައުލޫމާތެކެވެ. މިކަންކަން ބަލައި ތިމާގެ ޚިދުމަތް ނަންމަތިކުރަން ބޭނުންވާ ކަމަކީ ކޮބައިތޯ ކަނޑައަޅައި އެކަމަކަށް ފޯކަސްކޮށްގެން ޚިދުމަތްދިނުމުގެ މުޅި މަރުހަލާ ރަގަޅަށް ބައްޓަން ކޮށް ރަގަޅު ޚިދުމަތެއް ދީގެން ވިޔަފާރި އަދި ހިންގުމުގައި އެންމެ ކުރިއަށް ޖެހިލެވިދާނެއެވެ.

Sunday, September 1, 2013

މުވައްޒަފަން ލައްވާ ކަމެއް ކުރުވުމަށް ބޭނުންކުރެވިދާނެ 4 ގޮތެއް


ދަށުން މަސައްކަތް ކުރާ ފަރާތްތަކަށް ހުރިހާ ހާލަތެއްގައި އަމުރުކޮށް ނުވަތަ ހުރިހާ ހާލަތެއްގައި އެމީހުންނަށް ފެންނަ ގޮތަކަށް ކަން ކުރާށޭ ބުނުން އެއީ އެންމެ ރަގަޅުގޮތް ކަމަށް ނުވެއެވެ. މިކަމަށް އެންމެ ރަގަޅުގޮތެއް ހުށަހަޅުއްވާފައިވަނީ  ލީޑަރުންނާ ބެހޭ ދިރާސާތަކެއް ކުރެއްވި އެކަމުގެ ޕްރޮފެސަރެއްކަމަށްވާ ޕޯލް ހާރސޭއެވެ. ޕްރޮފެސަރ ވިދާޅުވާގޮތުން ހާލަތަށާއި މުވައްޒަފުންގެ ގާބިލްކަމަށް ބަލައި އެމީހުންނަށް މަގުދައްކައި ދިނުމުގެ ވައްޓަފާޅިއެއް ޚިޔާރު ކުރެވިދާނެއެވެ. އެގޮތުން މުވައްޒަފުންނަށް ކަމެއް ހަވާލުކުރާއިރު އެކަމެއްގެ ހާލަތާއި އެމީހުންގެ ގާބިލްކަމާއި ޒިންމާނަގަން ކެރޭ މިންވަރެއްގެ މައްޗަށް ވިސްނައި ކަންކަން ހަވާލުރުމަށް އިސްކަންދިނުމުގެ ގޮތުން އެކަން ކުރެވިދާނެ ގޮތްތަކަކީ؛


1. ކަމެއް ކުރުމަށް އަމުރު ކުރުން: އަމަރުކުރާނީ މުވައްޒަފުން ކަމެއް ކުރުމަށާއި ޒިންމާނަގަން ފަސްޖެހޭނަމައެވެ. މިފަދަ ހާލަތެއްގައި ކުރަންވީ ކޮންކަމަކާއި އެކަން ކުރަންވީގޮތް ބުނެދީގެން އެކަމެއް ކުރެވިދާނެއެވެ.

2. ސީދާ ކުރަންވީ ކަމެއް ވިސްނައިދީގެން ކުރުވުން: މުވައްޒަފުން ކަން ކުރެވޭނެ ކަމުގެ އިތުބާރު އޮތް ނަމަވެސް ޒިންމާނެގުމުގެ ގާބިލްކަން ނެތްނަމަ އެމީހުންނަށް ކޮންމެވެސް ވަރަކަށް ޚިޔާލުބަދަލުކުރުމަށް ފުރުސަތުދީގެން އެކަމެއް ކުރުމަށް ބާރު އެޅިދާނެއެވެ.                

3. ވާހަކަދައްކައިގެން ކަމެއް ކުރުމަށް މުވައްޒަފުން ލެންބުން: މުވައްޒަފުންނަކީ ގާބިލް އަދި ޒިންމާ ނެގޭނެ ބައެއްކަމުގައިވީނަމަވެސް ޒިންމާނަގަން ފަސްޖެހޭނަމަ އެހީތެރިވެދީ ވިސްނައިދީގެން އެކަމެއް ކުރުމަށް ލެންބިދާނެއެވެ.

4. މުވައްޒަފުންގެ އަންމައްޗަށް ކަމެއް ކުރަން ދޫކޮށްލުން: ގާބިލް އަދި ޒިންމާނަގަން ކެރޭ މުވައްޒަފުންނަށް ކަން ކުރުމުގެ ބާރާއި އިޚްތިޔާރާއިއެކު އެކަމެއްކުރަން ދޫކޮށްލާ ކަން ހިނގާނުހިނގާގޮތުގެ  މައުލޫމާތު ދިނުމަށް ބުނެވިދާނެއެވެ. 

Monday, August 19, 2013

ކަޑަ" ތަނެއްގެޓެގު އެޅިފައިވާނަމަ މައްސަލަޖެހިގެން އުޅޭ ދިމާ ފާހަގަކުރުމަށް ބަލާނެ 7 ކަމެއް



މި 7ކަމަކީ ދުނިޔޭގައި ހިންގުންތެރިކަމުގެ ދާއިރާއިން ލަފާދޭ މަޝްހޫރު ކުންފުންޏެއްކަމުގައިވާ މެކެންޒީއިން ތަނުގެ ދުޅަހެޔޮކަން ދެނެގަތުމަށް ބޭނުންކުރުމަށް ހުށަހަޅާފައިވާ ގޮތްތަކުގެ ޚުލާސާއެކެވެ.



1. ކުރަންބޭނުންވާ ކަންތައް ކުރުމަށް ޚިޔާރު ކޮށްފައިވާ މަގު ރަގަޅުތޯ ބެލުން:  ޚިދުމަތް ހޯދާ ފަރާތްތަކަށް، ކޮންގޮތަކަށް ކިހިނެކަކުން ކޮން ބަޔަކު ކޮންވަގުތެއްގައި ކޮންކަމެއް ކޮށްގެން ދޭ ޚިދުމަތެއްތޯއާއި މިއިން ކޮންމެ "ކާފެއް" އެކަށައެޅިފައިވަނީ ލަޑުދަނޑިތައް ހާސިލްވުމަށް ފަސޭހަވާގޮތަކަށްތޯއާއި އަދި އެކަންކަމުގައި އުޅޭ މައްސަލަ ބެލުން.

2. ކަންކަން ނިންމަނީ މަރުކަޒީ ނުވަތަ ލާމަރުކަޒީ ކޮށްތޯއާއި، މުހިއްމުކަންތައްނިންމުމުގެ ބާރު އެކި ކަންކަމާއި ހަވާލުވެފައިވަ ވެރިންނަށް ދީފައިވާ މިންވަރު ވަޒަންކޮށް ރަގަޅުކުރުން. އެކަމަށްޓަކައި އޮގަނައިޒޭޝަން ރާވާލެވިފައިވާ ގޮތާއި ޖަވާބުދާރީ ކުރުވާ ފަރާތްތަކާއި ނިންމުން ނިންމާ ގޮތްތައް (މަޝްވަރާކޮށްގެން، ނުކޮށް) ޗެކްކުރުން.

3. ކަންކުރަން އޮންނަ ގަވާއިދުތަކާއި އުސޫލްތަކާއި ޕްރޮސީޖަރތައް އޮފީހުގެ މަގްސަދާއި ގުޅޭގޮތަށް ބައްޓަން ކުރެވިފައިވޭތޯ ބެލުން. އަވަހަށް ޚިދުމަތްދޭން ކަނޑައެޅުމަށްފަހު އެކަމަށް ހަދާފައިވާ ގަވައިދާ އުސޫލުގެ ސަބަބުން އެކަން ލަސްވާނަމަ އެއީ މައްސަލައެކެވެ.  އެކިކަންކަމަށް ތަނުގައި އެކަށައެޅިފައިވާ ނިޒާމްތަކަކީ (މިސާލަކަށް، މުދާ ގަތުމަށް، ޚިދުމަތް ދިނުމަށް، އެތެރެއާ ބޭރުގެ ޝަކުވާ އަޑުއެހުމަށް) އޮމާންކަމާއިއެކުރަގަޅަށް ކަންކަން ގެންދިއުމަށް ފަސޭހަކޮށްދޭ އެއްޗެކަށް ހެދުން.

4. މުވައްޒަފުން ކުރަން އުޅޭ ކަންކަމަށް ގާބިލްކުރުމާއި ކަންކުރާ ޝައުގުވެރިތޯ ބެލުން.  މުވައްޒަފުން ހޯދުމާއި، ތަރައްގީކުރުމާއި، ކުރިއެރުން ދިނުމާއި، އިސްލާހީ ފިޔަވަޅު އެޅުމާއި ވަކިކުރުމަށް ކަނޑައަޅާފައިވާ ގޮތްތަކުގައި އުޅޭ މައްސަލަތައް ބަލައި  ފިޔަވަޅު އެޅުން.
5. އެންމެން ގަބޫލްކުރާ އުސޫލްތަކާއި ހަމަތައް ތަނުގެ މަގްސަދާއި ދިމާވޭތޯ ބެލުން. މިސާލަކަށް މަގްސަދަކީ އަވަހަށް ޚިދުމަތް ދިނުންކަމަށްވިއަސް މުވައްޒަފުންނަށް އެއީ މާމުހިއްމު ކަމެއްކަމުގައި ނުބެލޭވަނަ މަގްސަދެއް ހާސިލެއް ނުވާނެއެވެ. އެފަދަ ހާލަތެއްގައި ދިމާވާ މައްސަލަތައް ބެލުމާއިކަމުގެ މުވައްޒަފުންނަށް ކަމުގެ މުހިއްމުކަން އަންގައިދިނުމަށް މައުލޫމާތު ދިނުން ފަދަ ކަންކަން ކުރުން.
6. ކަންތައްތައްހިންގުމާ، ނުވަތަ ނިންމުންތައް ނިންމޭ ވަރުގެ ވެރިން ތަން ހިންގުމަށް ގެންގުޅޭ ވައްޓަފާޅި ރަގަޅުތޯ ބަލައި ކުރިއަރުވައި، ގާބިލްކަން އިތުރުކުރުން.

7. ޖުމްލަގޮތެއްގައި ކަމެއް ކުރުމަށް ތަނަށް ލިބިފައިވާ ގާބިލްކަމާއިދޭތެރޭ ހިތްހަމަޖެހޭހެއްޔެވެ؟ އެގާބިލްކަން ގުޅިފައިވަނީ މުވައްޒަފުންގެ ގާބިލްކަމާއިއެވެ. ތަމްރީން ލިބިފައިވާ މުވައްޒަފުން ތިބުމާއި ކުރަން އުޅޭ ކަމެއް މޮޅަށް ކުރެވޭނެ ގާބިލްކަން އެމުވައްޒަފުންގެ ހުރުން މިއީ ދެކަމެއްކަން ހަދާންކޮށް ތަނުން ކުރަން އުޅޭ ކަންތަކާއި އެކަން ކުރުމަށް މުވައްޒަފުންނަށް ލިބިފައިވާ ގާބިލްކަމުގެ ދުރުމިން ބަލައި ތަމްރީނާއި، އަމަލީ ތަޖްރިބާތަކުގެ އަލީގައި އެދުރުމިން ކައިރި ކުރުން. 

Sunday, July 28, 2013

ތަފާތު ވައްތަރުގެ ވެރިންނާއި މުޢަމަލާތް ކުރާނީ ކިހިނެއް؟

ތިމާގެ ވަގުތުގެ ބޮޑުބައެއް ހޭދަކުރަނީ އޮފީސް ނުވަތަ ފިހާރައިގައި ކަމަށްވާއިރު ތިމާގެ މައްޗަށް ތިބޭ ވެރިންގެ ކަންކަން ދަސްކޮށް އެމީހުންނާ ރަގަޅު ގޮތުގައި މުއާމަލާތު ކުރެވޭނެ ގޮތް ހޯދުމަކީ މުހިއްމުކަމެކެވެ. ރަގަޅު ވެރިއަކާއެކު މަސައްކަތްކުރުމަކީ ދަތިކަމަކަށް ނުވިއަސް ތިމާއަށް ކަމުނުދާ ވެރިއަކާ އެއްކޮށް މަސައްކަތް ކުރަންޖެހިއްޖެނަމަ އުދަނގޫތަކެއް ކުރިމަތިވެ ތިމާ މާޔޫސްވާގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް  ކުރަން  އުދަނގޫ  ގިނަަންތައްތަކެއް ހުރެއެވެ. ވުމާއިއެކު، ތިމާގެ މަސައްކަތުގެ ޝައުގު ހިފެހެއްޓުމާއިއެކު ރަނގަޅަށް މަސައްކަތްކުރުމަށް ވެރިންގެ ޝަޙްޝިއްޔަތު ދެނެގަންނަން ޖެހެއެވެ. މިގޮތުން ވެރިން ކެޓަގަރީ ކުރާ މައިގަޑު ބައިތަކަކީ

1.   ހުރިހާކަމަކަށް ނުފޫޒު ފޯރުވާން  ބޭނުންވާ ވެރިން. މިފަދަ ވެރިންނަކީ ކަމެއް ގޯސްކޮށް ހިނގައިދާނެތީ ވަރަށް ބިރުގަންނަ ބައެކެވެ. މިފަދަ ވެރިންކައިރީ މަސައްކަތްކުރާ މީހުން ކަންކަން ކޮންޓްރޯލްކޮށް ހުއްދަހޯދަން ޖެހޭވަރުން ތިމާ ފިތިފައި ވާކަމުގެ އިހްސާސް ކުރެވޭނެއެވެ. މިފަދަ ވެރިންނަށް ކިރިއާ ކަމެއް ހިގިއަސް އެކަމެއްގެ މައުލޫމާތު ދިނުމަށް އަވަސްވެގަތުމަކީ އެމީހުންގެ ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމެކެވެ. އަދި އެކުރާކަމެއްގައި އެކުލެވޭ އުދަގޫ ހައްލުކުރަން ދަތި މައްސަލަތަކާ ބެހޭގޮތުން ކުރިއާ ލާ ވެރިމީހާއާ މަޝްވަރާކޮށް ގޮތްތަކެއް ނެރުމަކީ ކަންކަން އޮމާންކަމާއިއެކު ގެންދިއުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.

2.   ކޮންމެގޮތެއް ވަރިހަމަ ވެރިން: މިފަދަ ވެރިންނަކީ ގިނަފަހަރަށް ހަވާލުކޮށްފައިވާ ކަންކަން ކުރުމުގެ ގާބިލްކަން ކުޑަ ކަންފަސޭހަ ބައެކެވެ. ކިތަންމެ ރަގަޅުކަމެއް ހުށަހެޅުނަސް އެކަމެއް ނުވާނެކަމަށް ބުނެ އެތައް އުޒުރެއް ދައްކާނެއެވެ. މިފަދަ ވެރިމީހާއާށްވުރެ މޮޅަށް ތިމާއަށް ކަންކަން އެގޭކަން ދެއްކޭފަދަ ގޮތަކަށް ކަންކަމުގެ މައުލޫމާތު ދީފިނަމަ ތިބާއަކީ އެވެރިޔާގެ މަގާމަށް ހުރި ނުރައްކަލެއް ކަމުގައި ހީވެ އެއްފަރާތްކުރުމަކީ އެކަށީގެންވާކަމެކެވެ. މިފަދަ ހާލަތެއްގައި އޮތްގޮތަކީ އެވެރިމީހާއަށް ކޮންމެވެސް ވަރަކަށް އެނގިފައިވާ ކަންކަން ކުރުމަށް އުޅުމާއި ތިމާ ކޮންމެހެން ކުރަންބޭނުންވާކަމެއްނަމަ އެކަމެއް ދޫނުކޮށް ސާދާކޮށް ހުށަހަޅަމުން ގެންދިއުމާއި އަދި އިސްވެރިއާއާއި ތިބާގެ   ވެރިމީހާއާ އެއްތަނެއްގައި ތިބެގެން އެކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ހުށަހަޅައި އެކަމެއް ކުރެވޭތޯ ބެލުމެވެ.

3.  ލަސްލަހުން ކަންކުރަން އާދަވެފައިވާ ވެރިން: މިފަދަ ވެރިންނަކީ އާކަންކަން ފެށުމަށް ޖެހިލުންވާ އަދި ކަމެއް ފެށުމުގެ ކުރިން ހުރިހާ ކޮޅަކަށް ވިސްނާ ދިރާސާކޮށް ބަލައިގެން ނޫނީ ކަންކަން ނުކުރާ ބައެކެވެ. މިކަންކަމަކީ ރަގަޅު ކަންކަންކަމަށްވިއަސް މިޒަމާނުގެ ސްޕީޑްގައި ހިފާހިފުމަށް ވާންކޮށް ކަން ކުރެވޭގޮތްހަދަން  އުދަގޫ ބައެކެވެ. ބައެއްފަހަރަށް މަޝްވަރާއާ ކަންކަން ދިރާސާކޮށް ރަގަޅުކުރަން އުޅޭވަރުން ވަގުތު ފާއިތުވެ ވާދަވެރި ފަރާތަކުން ހަމަ އެޚިދުމަތް ފަށާއިރުވެސް އެއްކަލަ ވެރިމީހާ އަދި ހުންނާނީ އަތަކަށް ގުޑާނުލެވިއެވެ. މިފަދަ ވެރިންނަށް މުހިންމު ކަންތަކުގެ މަޢުލޫމާތު އެންމެ ފަހުވަގުތު ދިނުމަށް މަޑުކޮށްފިނަމަ އެކަމުގެ ވަގުތު ފާއިތުވާއިރުވެސް ކަން އޮންނާނީ ނުވެފައެވެ. މިފަދަ ވެރިންނަށް ވީހާވެސް އަވަހަށް މުހިންމުކަންމުގެ މަޢުލޫމާތު ދިނުމަށް އިސްކަން ދޭންވާނެއެވެ.

4.  ނުހައްގު ފައިދާ ހޯދުމަށް އާދަވެފައިތިބޭ (ކަރަޕްޓް) ވެރިން: މިމީހުންނަކީ އެމީހުންގެ އަމިއްލަ ފައިދާއަށްޓަކައި އެކި ކުށްތަކަށް އަރައިގަތުމަށް ފަސްނުޖެހޭނެ ބައެކެވެ. އަދި ބިރު ދައްކައިގެން ތިބާލައްވާ އެކި އެކި ކަންކަން ކުރެވޭތޯ ބެލުމަކީ މިފަދަ މީހުން ކޮށްފާނެކަމެކެވެ. މިފަދަ ވެރިންގެ ބުނެގެން ކަންކުރާއިރު އެކަމާއި ގުޅިގެން ދޭ އިރުޝާދުތައް ލިއުމުން ހޯދުން މުހިއްމެވެ. އަދި ކުށަކަށް އަރައިގަންނަން ބުނަނީނަމަ އެކަމުން ތިބާ އެއްފަރާތްވެ ހައްގުބަސް ބުނަން ފަސްނުޖެހި އިސްވެރިންނާ ހަމަޔަށް އެކަމެއް ގެންދިއުން މުހިއްމެވެ. ހައްގުބަސް ބުނަން ނުކުރޭނަމަ ތިބާ އެކަމުން ބަރީއަވާށެވެ. ތިބާ އެމީހުންގެ ގޮތަށް ނުލެންބޭނެކަން ޔަގީން ވެއްޖެނަމަ ތިބާއާ އެކަމަކާ ނުބެއްސުމަކީ އެކަށީގެންވާކަމެކެވެ. އެހެންނަމަވެސް ހާލަތު ބަދަލުނުވެ އެފަދަ ކަމެއް ކުރިއަށްދާނަމަ އެތަނެއްގައި ތިމާ ހުރުމަކީ ނުރައްކާތެރި ކަމެކެވެ. މިހާލަތުގައި ތިމާގެ އަބުރާ ގަދަރު އެފަދަ ކަމެއްގެ ސަބަބުން ގެއްލި ލައްގަޑެއް ޖެހުމަށް ދޫނުކޮށްއެހެން ސެކްޝަނަކަށް ނުވަތަ އެހެން ތަނަކަށް ބަދަލުވާން އަވަސްވެގަންނާށެވެ.

5.   ސިޔާސީވެފައި ތިބޭ ވެރިން. ތަނުގެ ކުރިއެރުމަށްވުރެ މިމީހުން އިސްކަން ދޭނީ އެމީހާގެ ކުރިއެރުމަށެވެ. ތިމާގެ ކުރިއެރުމަށް ފުރުސަތުގެ ބޭނުން ހިފަން އަވަސްވެ ގަންނާނެއެވެ. މިމީހުންގެ ކުރިމަތީ މަގުބޫލްވާނީ ގިނަފަހަރަށް ވައި ހުރި އަތަށް އޮޑިދުއްވާ މީހުންނެވެ. އެއްދުވަހު ތިމާއަކީ މަގުބޫލު މީހަކަށްވެހުރެ އަނެއްދުވަހު ރަގަޅު ލިސްޓުން އުނިވިއަސް ހިތް ބުރަ ނުކޮށް ހަމަޖެހިގެން ހުރުން މުހިއްމެވެ. އެއީ މިވެރިންނަކީ ބަދަލުވުން އަވަސް ބައެކެވެ. ނުބައި ވީގޮތަށް ތިބާގެ ކިބައިންވެސް ވެރިމީހާއަށް އިތުރު ފައިދާއެއް ފެނިއްޖެނަމަ އަލުން ރަގަޅު ލިސްޓަށް އެރުމަކީ ނުވެ ނުދާނެކަމެކެވެ. މިފަދަ މީހުން ލައްވާ ކަންކަން އެންމެ  ފަސޭހައިން   ކުރެވޭނީ   އެކަމުން އޭނާއާށް ވާނެ ފައިދާ އާއި އޭނާގެ އިސްވެރިންގެ ކުރިމަތީގައި ކުރިއަރާނެ މިންވަރު ބުނެދީގެންނެވެ. އެކަމަކު ކަމެއް ނުބައިކޮށް ގޮސްފިނަމަ އެކަން ތިބާގެ ބޮލަށް ކަނޑާލަން މިފަދަ ވެރިން އަވަސްވާނެއެވެ. ވީމާ މިފަދަ މީހުންނަށް ކަމެއް ކޮށްދޭއިރު ދިން އިރުޝާދެއް ނުވަތަ ކޮށްދޭން ބުނި ކަމެއް ލިއުމުން ހޯދުން މުހިއްމެވެ.  


Monday, June 10, 2013

ހިންގުންތެރިކަމުގެ ހުނަރު 1: މުއާމަލާތްކުރުމުގައި ސަމާލުކަން ދޭންވީ ކަންކަން


1.        ޚިދުމަތް ހޯދާ ފަރާތްތަކާއި ގުޅޭ އެއްވެސް ކަމަކަށް ބަދަލު ގެނެސްފިނަމަ އެކަމެއްގެ މައުލޫމާތު ވީހާއަވަކަށް އެފަދަ ފަރާތްތަކާއި މުޢާމަލާތް ކުރާ މުވައްޒަފުންނަށާއި ޚިދުމަތް ހޯދާފަރާތްތަކަށްވެސް ދިނުން

2. ފޯނަށް ޖަވާދިނުމުގައި ސަލާން ގޮވައި، ކޮންތަނަކުން ކާކުކަން ވާހަކަ ދައްކަނީ ބުނުމާއި، ގުޅާފަރާތުން ދައްކާވާހަކަ އަޑުއަހަން އިސްކަން ދިނުމާއި، އަދި އޮގަނައިޒޭޝަންގައި އެމަސައްކަތްކުރާ މުވައްޒަފު އެވަގުތު ނެތްނަމަ ގުޅާފަރާތުގެ ނަމާއި ނަންބަރާއި ބޭނުންވާކަން ނޯޓްކޮށް ފަހުން ގުޅުމާއި އޮފީހުން އެކަމާ ގުޅޭ މުވައްޒަފު އެމީހަކަށް ގުޅިކަން ކަށަވަރު ކުރުން.

3. އާންމުކޮށް ދިމާވާ ހާލަތްތަކުގައި ކަންކަން ކުރާނެ ގޮތާއި ދޭނެ ޖަވާބު ލިޔެވި ޚިދުމަތް ހޯދާ ފަރާތްތަކާއި މުޢާމަލާތްކުރާ މުވައްޒަފުންނަށް ހިއްސާކުރެވިފައި ހުރުން. އާންމުކޮށް ޚިދުމަތް ހޯދުމަށް އަންނަ ކަންތައްތަކުގައި އަމަލުކުރަންވީގޮތާއި އުފެދޭސުވާލުތަކާއި ޖަވާބުޚިދުމަތް ހޯދާ ފަރާތްތަކާއި ހިއްސާކުރުން.

Thursday, May 9, 2013

ހިންގުމަށް ވަޒަންކުރުމުގެ މުހިއްމުކަން




ތިމާއަށް ވަޒަން ނުކުރެވޭ ކަމެއް ތިމާއަށް ކޮންޓްރޯލެއް ނުކުރެވޭނެއެވެ. ތިމާއަކަށް ކޮންޓްރޯލް ނުކުރެވޭ ކަމެއް ތިމާއަކަށް ނުހިންގޭނެއެވެ.


1.ހިންގުންތެރިކަމުގެ އަސާސަކީ ކޮންމެ މީހަކު ކުރާމަސައްކަތެއްވެސް ވަޒަންކުރުމެވެ.  ތަނުގައި ޚިދުމަތް ދިނުމަށް ވަކި މުއްދަތެއް ކަނޑައެޅިފައި އޮތަސް އެމުއްދަތުގެ ތެރޭގައި ޚިދުމަތް ދިންތޯ ބެލޭނެ ގޮތެއް ނެތްނަމަ ގިނަ ފަހަރަށް އޮންނާނީ އެމަސައްކަތް ހަވާލުކުރިމީހާއަށް ވީއިރަކުން ވީގޮތަކަށް އެކަން ކުރުމުމެވެ. އަދި ޚިދުމަތް ނުދެވިގެން ކުރާ ޝަކުވާތައްވެސް ދާނީ އިތުރުވަމުންނެވެ. 

2. ވަޒަންކުރުމުގައި ބަލަންވީ އެކަން ކުރީ ކޮން މިންވަރަކަށްތޯ ކިހާ ފެންވަރަކަށްތޯ އަދި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންތޯއެވެ.  މިސާލަކަށް ޚިދުމަތް ބޭނުންވާ ފަރާތުން އެކަމަކަށް އެދުނު ތާރީޚާއި އެއެއްޗެއް ނުވަތަ އެކަމެއް ނިންމުމަށްފަހު އޭނާއާއި ހަވާލުކުރި ތާރީޚްތައް ބެލިދާނެއެވެ. އަދި ޚިދުމަތް ހޯދާފަރާތްތަކުން ކުރާ ޝަކުވާތައް ގިނަ ނުވަތަ މަދުވާ މިންވަރު ބަލައިގެންނާއި އެކަމާއިބެހޭގޮތުން އެމީހުންނާ ސުވާލުކޮށްގެން އެމީހުން ބޭނުންވާ ފެންވަރަށް އެކަން ކުރޭތޯ ވަޒަންކުރެވިދާނެއެވެ.

ޚިދުމަތެއް ފޯރުކޮށްދޭވޭނެ އެންމެ ރަގަޅު އެންމެ ޚަރަދު ކުޑަގޮތް ހޯދުން

ޚިދުމަތެއް ރަގަޅަށް މޮޅަށް ދޭށޭ ތަނަކުން ބުނާއިރު އެކަމާ ހަވާލުވެފައިތިބޭ ވެރިންނާއި ތިބި މުވައްޒަފުން އެންމެ އަވަހަށް އެތަނެއްގެ މެ...