Sunday, July 28, 2013

ތަފާތު ވައްތަރުގެ ވެރިންނާއި މުޢަމަލާތް ކުރާނީ ކިހިނެއް؟

ތިމާގެ ވަގުތުގެ ބޮޑުބައެއް ހޭދަކުރަނީ އޮފީސް ނުވަތަ ފިހާރައިގައި ކަމަށްވާއިރު ތިމާގެ މައްޗަށް ތިބޭ ވެރިންގެ ކަންކަން ދަސްކޮށް އެމީހުންނާ ރަގަޅު ގޮތުގައި މުއާމަލާތު ކުރެވޭނެ ގޮތް ހޯދުމަކީ މުހިއްމުކަމެކެވެ. ރަގަޅު ވެރިއަކާއެކު މަސައްކަތްކުރުމަކީ ދަތިކަމަކަށް ނުވިއަސް ތިމާއަށް ކަމުނުދާ ވެރިއަކާ އެއްކޮށް މަސައްކަތް ކުރަންޖެހިއްޖެނަމަ އުދަނގޫތަކެއް ކުރިމަތިވެ ތިމާ މާޔޫސްވާގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް  ކުރަން  އުދަނގޫ  ގިނަަންތައްތަކެއް ހުރެއެވެ. ވުމާއިއެކު، ތިމާގެ މަސައްކަތުގެ ޝައުގު ހިފެހެއްޓުމާއިއެކު ރަނގަޅަށް މަސައްކަތްކުރުމަށް ވެރިންގެ ޝަޙްޝިއްޔަތު ދެނެގަންނަން ޖެހެއެވެ. މިގޮތުން ވެރިން ކެޓަގަރީ ކުރާ މައިގަޑު ބައިތަކަކީ

1.   ހުރިހާކަމަކަށް ނުފޫޒު ފޯރުވާން  ބޭނުންވާ ވެރިން. މިފަދަ ވެރިންނަކީ ކަމެއް ގޯސްކޮށް ހިނގައިދާނެތީ ވަރަށް ބިރުގަންނަ ބައެކެވެ. މިފަދަ ވެރިންކައިރީ މަސައްކަތްކުރާ މީހުން ކަންކަން ކޮންޓްރޯލްކޮށް ހުއްދަހޯދަން ޖެހޭވަރުން ތިމާ ފިތިފައި ވާކަމުގެ އިހްސާސް ކުރެވޭނެއެވެ. މިފަދަ ވެރިންނަށް ކިރިއާ ކަމެއް ހިގިއަސް އެކަމެއްގެ މައުލޫމާތު ދިނުމަށް އަވަސްވެގަތުމަކީ އެމީހުންގެ ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމެކެވެ. އަދި އެކުރާކަމެއްގައި އެކުލެވޭ އުދަގޫ ހައްލުކުރަން ދަތި މައްސަލަތަކާ ބެހޭގޮތުން ކުރިއާ ލާ ވެރިމީހާއާ މަޝްވަރާކޮށް ގޮތްތަކެއް ނެރުމަކީ ކަންކަން އޮމާންކަމާއިއެކު ގެންދިއުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.

2.   ކޮންމެގޮތެއް ވަރިހަމަ ވެރިން: މިފަދަ ވެރިންނަކީ ގިނަފަހަރަށް ހަވާލުކޮށްފައިވާ ކަންކަން ކުރުމުގެ ގާބިލްކަން ކުޑަ ކަންފަސޭހަ ބައެކެވެ. ކިތަންމެ ރަގަޅުކަމެއް ހުށަހެޅުނަސް އެކަމެއް ނުވާނެކަމަށް ބުނެ އެތައް އުޒުރެއް ދައްކާނެއެވެ. މިފަދަ ވެރިމީހާއާށްވުރެ މޮޅަށް ތިމާއަށް ކަންކަން އެގޭކަން ދެއްކޭފަދަ ގޮތަކަށް ކަންކަމުގެ މައުލޫމާތު ދީފިނަމަ ތިބާއަކީ އެވެރިޔާގެ މަގާމަށް ހުރި ނުރައްކަލެއް ކަމުގައި ހީވެ އެއްފަރާތްކުރުމަކީ އެކަށީގެންވާކަމެކެވެ. މިފަދަ ހާލަތެއްގައި އޮތްގޮތަކީ އެވެރިމީހާއަށް ކޮންމެވެސް ވަރަކަށް އެނގިފައިވާ ކަންކަން ކުރުމަށް އުޅުމާއި ތިމާ ކޮންމެހެން ކުރަންބޭނުންވާކަމެއްނަމަ އެކަމެއް ދޫނުކޮށް ސާދާކޮށް ހުށަހަޅަމުން ގެންދިއުމާއި އަދި އިސްވެރިއާއާއި ތިބާގެ   ވެރިމީހާއާ އެއްތަނެއްގައި ތިބެގެން އެކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ހުށަހަޅައި އެކަމެއް ކުރެވޭތޯ ބެލުމެވެ.

3.  ލަސްލަހުން ކަންކުރަން އާދަވެފައިވާ ވެރިން: މިފަދަ ވެރިންނަކީ އާކަންކަން ފެށުމަށް ޖެހިލުންވާ އަދި ކަމެއް ފެށުމުގެ ކުރިން ހުރިހާ ކޮޅަކަށް ވިސްނާ ދިރާސާކޮށް ބަލައިގެން ނޫނީ ކަންކަން ނުކުރާ ބައެކެވެ. މިކަންކަމަކީ ރަގަޅު ކަންކަންކަމަށްވިއަސް މިޒަމާނުގެ ސްޕީޑްގައި ހިފާހިފުމަށް ވާންކޮށް ކަން ކުރެވޭގޮތްހަދަން  އުދަގޫ ބައެކެވެ. ބައެއްފަހަރަށް މަޝްވަރާއާ ކަންކަން ދިރާސާކޮށް ރަގަޅުކުރަން އުޅޭވަރުން ވަގުތު ފާއިތުވެ ވާދަވެރި ފަރާތަކުން ހަމަ އެޚިދުމަތް ފަށާއިރުވެސް އެއްކަލަ ވެރިމީހާ އަދި ހުންނާނީ އަތަކަށް ގުޑާނުލެވިއެވެ. މިފަދަ ވެރިންނަށް މުހިންމު ކަންތަކުގެ މަޢުލޫމާތު އެންމެ ފަހުވަގުތު ދިނުމަށް މަޑުކޮށްފިނަމަ އެކަމުގެ ވަގުތު ފާއިތުވާއިރުވެސް ކަން އޮންނާނީ ނުވެފައެވެ. މިފަދަ ވެރިންނަށް ވީހާވެސް އަވަހަށް މުހިންމުކަންމުގެ މަޢުލޫމާތު ދިނުމަށް އިސްކަން ދޭންވާނެއެވެ.

4.  ނުހައްގު ފައިދާ ހޯދުމަށް އާދަވެފައިތިބޭ (ކަރަޕްޓް) ވެރިން: މިމީހުންނަކީ އެމީހުންގެ އަމިއްލަ ފައިދާއަށްޓަކައި އެކި ކުށްތަކަށް އަރައިގަތުމަށް ފަސްނުޖެހޭނެ ބައެކެވެ. އަދި ބިރު ދައްކައިގެން ތިބާލައްވާ އެކި އެކި ކަންކަން ކުރެވޭތޯ ބެލުމަކީ މިފަދަ މީހުން ކޮށްފާނެކަމެކެވެ. މިފަދަ ވެރިންގެ ބުނެގެން ކަންކުރާއިރު އެކަމާއި ގުޅިގެން ދޭ އިރުޝާދުތައް ލިއުމުން ހޯދުން މުހިއްމެވެ. އަދި ކުށަކަށް އަރައިގަންނަން ބުނަނީނަމަ އެކަމުން ތިބާ އެއްފަރާތްވެ ހައްގުބަސް ބުނަން ފަސްނުޖެހި އިސްވެރިންނާ ހަމަޔަށް އެކަމެއް ގެންދިއުން މުހިއްމެވެ. ހައްގުބަސް ބުނަން ނުކުރޭނަމަ ތިބާ އެކަމުން ބަރީއަވާށެވެ. ތިބާ އެމީހުންގެ ގޮތަށް ނުލެންބޭނެކަން ޔަގީން ވެއްޖެނަމަ ތިބާއާ އެކަމަކާ ނުބެއްސުމަކީ އެކަށީގެންވާކަމެކެވެ. އެހެންނަމަވެސް ހާލަތު ބަދަލުނުވެ އެފަދަ ކަމެއް ކުރިއަށްދާނަމަ އެތަނެއްގައި ތިމާ ހުރުމަކީ ނުރައްކާތެރި ކަމެކެވެ. މިހާލަތުގައި ތިމާގެ އަބުރާ ގަދަރު އެފަދަ ކަމެއްގެ ސަބަބުން ގެއްލި ލައްގަޑެއް ޖެހުމަށް ދޫނުކޮށްއެހެން ސެކްޝަނަކަށް ނުވަތަ އެހެން ތަނަކަށް ބަދަލުވާން އަވަސްވެގަންނާށެވެ.

5.   ސިޔާސީވެފައި ތިބޭ ވެރިން. ތަނުގެ ކުރިއެރުމަށްވުރެ މިމީހުން އިސްކަން ދޭނީ އެމީހާގެ ކުރިއެރުމަށެވެ. ތިމާގެ ކުރިއެރުމަށް ފުރުސަތުގެ ބޭނުން ހިފަން އަވަސްވެ ގަންނާނެއެވެ. މިމީހުންގެ ކުރިމަތީ މަގުބޫލްވާނީ ގިނަފަހަރަށް ވައި ހުރި އަތަށް އޮޑިދުއްވާ މީހުންނެވެ. އެއްދުވަހު ތިމާއަކީ މަގުބޫލު މީހަކަށްވެހުރެ އަނެއްދުވަހު ރަގަޅު ލިސްޓުން އުނިވިއަސް ހިތް ބުރަ ނުކޮށް ހަމަޖެހިގެން ހުރުން މުހިއްމެވެ. އެއީ މިވެރިންނަކީ ބަދަލުވުން އަވަސް ބައެކެވެ. ނުބައި ވީގޮތަށް ތިބާގެ ކިބައިންވެސް ވެރިމީހާއަށް އިތުރު ފައިދާއެއް ފެނިއްޖެނަމަ އަލުން ރަގަޅު ލިސްޓަށް އެރުމަކީ ނުވެ ނުދާނެކަމެކެވެ. މިފަދަ މީހުން ލައްވާ ކަންކަން އެންމެ  ފަސޭހައިން   ކުރެވޭނީ   އެކަމުން އޭނާއާށް ވާނެ ފައިދާ އާއި އޭނާގެ އިސްވެރިންގެ ކުރިމަތީގައި ކުރިއަރާނެ މިންވަރު ބުނެދީގެންނެވެ. އެކަމަކު ކަމެއް ނުބައިކޮށް ގޮސްފިނަމަ އެކަން ތިބާގެ ބޮލަށް ކަނޑާލަން މިފަދަ ވެރިން އަވަސްވާނެއެވެ. ވީމާ މިފަދަ މީހުންނަށް ކަމެއް ކޮށްދޭއިރު ދިން އިރުޝާދެއް ނުވަތަ ކޮށްދޭން ބުނި ކަމެއް ލިއުމުން ހޯދުން މުހިއްމެވެ.  


No comments:

Post a Comment

ޚިދުމަތެއް ފޯރުކޮށްދޭވޭނެ އެންމެ ރަގަޅު އެންމެ ޚަރަދު ކުޑަގޮތް ހޯދުން

ޚިދުމަތެއް ރަގަޅަށް މޮޅަށް ދޭށޭ ތަނަކުން ބުނާއިރު އެކަމާ ހަވާލުވެފައިތިބޭ ވެރިންނާއި ތިބި މުވައްޒަފުން އެންމެ އަވަހަށް އެތަނެއްގެ މެ...