Thursday, May 9, 2013

ޚިދުމަތްހޯދާ ފަރާތްތަކުގެ މެދުގައިއުފެއްދުން މަޤުބޫލު އެއްޗަކަށް ހެދުން




ޚިދުމަތް ހޯދާފަރާތްތަކުގެ މެދުގައި އުފެއްދުމެއް ނުވަތަ ޚިދުމަތެއްގެނަންމަތިކޮށް މަޤުބޫލު އެއްޗަކަށް ހެދުމަށް (Promote) ގޮތެއް ކަނޑައަޅުމަށްޓަކައި އުފެއްދުމުގެ ވައްތަރަށާއި އަދި އުފެދުން ހުށަހަޅައިދެވިދާނެ އެންމެ ރަގަޅު ގޮތަކީ ކޮބައިތޯއާއި އަދި އުފެއްދުން ކަޑައްތުކުރާ މަރުހަލާއަށް  ބަލަންޖެހެއެވެ. މިކަންކަމަށް ބެލުމަށްފަހު އެއުފެއްދުމާއި ގުޅޭގޮތުން އެންމެ ޚަރަދު ކުޑަކޮށް އަދި ނަތީޖާ ހާސިލްކުރަން ފަސޭހަގޮތަކަށް އުފެއްދުން ނުވަތަ ޚިދްމަތް ޕްރޮމޯޓްކުރާނެ ގޮތެއް ކަނޑައެޅިދާނެއެވެ. މިގޮތުން، އުފެއްދުމުގެ ވައްތަރަށް ބެލުމުގައި ވިސްނަންވީ އެއީ ކޮންބަޔަކު ކޮންބޭނުމެއްގައި ހޯދާ ޚިދުމަތެއް ނުވަތަ އެއްޗެއް ތޯއެވެ. މިސާލަކަށް؛

1. އާދައިގެ ބޭނުންތަކަށް ބޭނުންވާ އުފެއްދުން: ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާ، ހަނޑޫ، ހަކުރު، ފުއް
2. އާންމުކޮށް ގިނަވަގުތުބާޒާރުގައިހޭދަކޮށްގެން ހޯދާ އުފެއްދުން: ފޯނު، ޓީވީ، ވީސީއާރ، ރެފްރިޖަރޭޓަރ، ފަރުނީޗަރު، އަންނައުނު، ގެދޮރު ސާމާނު
3.  ޚާއްސަ ކަންކަމަށް ބޭނުންވާ އުފެއްދުން: ސެންޓް، ޑިޒައިނަރ ހެދުން،
4. އާންމުކޮށް ހޯދަންނޫޅޭ ބާވަތްތަކުގެ އުފެއްދުން: އިންޝުއަރެންސް، އަލިފާންނިއްވާ ފުޅި

ހަމަ އެގޮތަށް އަލަށް ބާޒާރަށް ނެރޭއުފެއްދުމަކާއި ގިނަދުވަސްވީ އުފެއްދުމެއް ޚިދުމަތް ލިބިގަންނަ މީހުންގެ ކުރިމަތީގައި ކުރިއެރުވުމަށް ކުރާކަންތައްވެސް ވަރަށް ތަފާތުވާނެއެވެ.

އުފެއްދުމެއް ނުވަތަ ޚިދުމަތެއް، ޚިދުމަތް ލިބިގަންނަ މީހުންގެ ކުރިމަތީގައި ކުރިއެރުވުމަށް ގޮތެއް ނިންމުމުގެ ކުރިން ކުރަންޖެހޭ ދެވަނަ ކަމަކީ އުފެއްދުން ނުވަތަ ޚިދުމަތް ހުށަހަޅައިދީފައި ހުންނަ ގޮތަށް ނަޒަރުކުރުމެވެ. މިސާލަކަށް ރެސްޓޯރެންޓަކަށް ވަންނަ އިރު އެހުންނަ ފަނޑު ލައިޓްތަކާއި އެއަރކޯން ކޮށްފައި ހުރުމާއި މިކަންތައް ތަކަކީ ހުށަހަޅައިދިނުމުގެ ބަޔެކެވެ. ހަމަ އެގޮތަށް އަންނައުނާއި އެނޫންވެސް ބާވަތްތައް ލާފައި ދޭކޮތަޅަކީވެސް ހުށަހަޅައިދިނުން ނުވަތަ ޕެކޭޖްގެ ބަޔެކެވެ. އޭގެ އިތުރުން އުފެއްދުން ރައްކާތެރިކޮށްފައި ބެހެއްޓުމަށް ފުޅި ، ދަޅު، ފޮށިގަނޑު ފަދަ ތަކެތީގައި އެކިއެކި މަޢުލޫމާތާއިއެކު ޕެކް ކޮށްފައި ހުރެއެވެ. މިއިން ކޮންމެ ކަމެއްގައިވެސް އަމާޒުކުރަންވީ ޚިދުމަތް ހޯދާ ފަރާތްތަކުގެ މެދުގައި މަޤުބޫލްވެ، ރީތިވެ، އުފެއްދުމަށް ހިތްކިޔާނެ ކަހަލަ ގޮތަކަށް، ހުށަހަޅައިދިނުމަށެވެ. އެއީ އެންމެ އަގުބޮޑު ނުވަތަ ކޮލިޓީ ހުށަހަޅައިދިނުމަކަށް ނުވެވެސް ހިނގައިދާނެއެވެ. މިސާލަކަށް ބާޒާރު މަތީ ހުންނަ ސައިހޮޓަލެއް، އެއަރކޯން ކޮށްފައި ފަނޑުއަލީގައި،  ޕާރޓިޝަން ޖަހާ ވަރަށް އަޑުމަޑުކޮށް ވާހަކަ ދައްކާ ވައްތަރަކަށް ހަދާފައިހުންނަނަމަ، ޢާންމުކޮށް އެޚިދުމަތް ހޯދާ ފަރާތްތަކަށް، އެކަން ކަމު ނުދިއުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ އަމާޒުކުރާ ޚިދުމަތްހޯދާފަރާތްތަކުގެ ބޭނުންތަކާ، ހިތްކިޔާ ކަންތައްތައް ވަރަށްރަނގަޅަށް އެގިގެން، ސީދާ އެކަމަށް، ޚިދުމަތާގުޅޭ ހުރިހާކަމެއް ބައްޓަންކުރުން މުހިއްމެވެ.

ތިންވަނަ ކަމަކީ އުފެއްދުން ނުވަތަ ޚިދުމަތް ކަޑައްތުކުރާ މަރުހަލާ ދެނެގަތުމެވެ. އެއީ އަލަށް ތަޢާރަފްކުރާ އެއްޗެއްތޯ، މާރކެޓް ފުޅާވަމުން އަންނަ އުފެއްދުމެއްތޯ، ވިއްކޭ ތަކެތި އެއްވަރެއްގައި ހިފެހެއްޓިފައި ހުރި އެއްޗެއްތޯ، އަދި ވިއްކޭ މިންވަރު ބާޒާރުގައި ދަށަށް ދާ އެއްޗެއްތޯ ބެލުމެވެ.

އާންމުގޮތެއްގައި އުފެއްދުމެއް ޚިދުމަތްހޯދާފަރާތްތަކުގެ މެދުގައި ކުރިއެރުވުމަށް (Promote)ބޭނުންކުރާ ގޮތްތަކަކީ:-

1.   ވަރަށް ކުޑަ ދުވަސްކޮޅަކަށް ހިންގޭ އިޝްތިހާރެއް: މިސާލަކަށް ޢީދާއި، ޖުލައި 26 އާދިމާކޮށް ޑިސްކައުންޓް ދިނުން، ބާމުދާ ސާފުކޮށްލުމަށްޓަކައި ކުރުމުއްދަތަކަށް އަގު ހެޔޮކޮށްލުން. މިއީ އާ ޚިދުމަތް ހޯދާ ފަރާތްތައް ހޯދުމަށާއި އާ ޚިދުމަތެއް ތަޢާރަފްކުރުމަށްވެސް ބޭނުންކުރާ ގޮތެކެވެ.
2. ސްޕޮންސަރ ކުރުން: މިއީ ސްޕޮންސަރކުރާ ވިޔަފާރިއަކުން ވަކި އަދަދަކަށް ފައިސާ ދީގެން އެހެން ފަރާތަކާއި ދެމެދުވެވޭ އެއްބަސްވުމެކެވެ. މިކަން އެންމެބޮޑަށް ބޭނުންކުރެވިފައިވަނީ އެކި އެކި ކުޅިވަރު ކުޅޭ ސާމާނު އިޝްތިހާރުކުރުމަށެވެ. މިނޫނަސް ތިމާ ވިއްކާ އުފެއްދުމާ ނުވަތަ ޚިދުމަތާ ގުޅޭ އިވެންޓްތައް ސްޕޮންސަރ ކުރުމަކީ ރީތި ނަމެއްލިބި އެއްފަހަރާ އެތަށް ޚިދުމަތް ހޯދާ ފަރާތްތަކަކަށް އެނގިލުމަށް ރަނގަޅު ގޮތެކެވެ.
3.  ކޮންމްޕެނީގެ އިމޭޖް ރަނގަޅުކުރުމަށްޓަކައި ވަކި ބަޔަކަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުން. މީގެ ތެރޭގައި އިޝްތިހާރު ކުރުމާއި އަދި އެކިއެކި އިވެންޓްތައް ހިންގުމާއި ނޫސްތަކަށް މަޢުލޫމާތުދިނުމާއި މިފަދަހުރިހާ ކަމެއް ހިމެނެއެވެ.
4. އިޝްތިހާރުކުރުން: މިއީ އަގެއް ދީގެން ކުންފުނި ނުވަތަ އުފެއްދުމާބެހޭ މަޢުލޫމާތު އެންމެންނަށް ދެއްކުން ނުވަތަ ދިނުމެވެ. މީގައި ޚިދުމަތް ހޯދާ ފަރާތްތަކާ ނުހޯދާ ފަރާތްތައްވެސް ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ، ނޫސްތަކާ، މަޖައްލާއާ، ރޭޑިއޯއާއި ޓީވީ، އަދި އިންޓަރނެޓްސައިޓްތަކުގައި ޖަހާ އިޝްތިޙާރުތަކާ، މަގުމަތީގައި އަގުދީގެން ބަހައްޓާ ބިލްބޯޑުތަކާއި މިފަދަ އެއްޗިއްސެވެ.
5. ޝޯޝަލް މީޑިއާގެ ބޭނުންކުރުން. ޝޯޝަލް މީޑިއާ ކަމުގައިވާ ފޭސްބުކް، ޓްވިޓަރ  އަދި އެނޫންވެސް ވަސީލަތެއް އުފެއްދުން ނުވަތަ ޚިދުމަތާ ބެހޭ މަޢުލޫމާތު ފެތުރުމުގެ އިތުރުން ޚިދުމަތް ހޯދާ ފަރާތްތަކާއި ގާތް ގުޅުމެއް އުފެއްދުމަށްވެސް ބޭނުންކުރެވިދާނެއެވެ. އަދި މިއީ ޚަރަދު ކުޑަ އަދި ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއިއެކު ކޮށްފިނަމަ ނަތީޖާ ހާސިލްކުރަން ފަސޭހަ ވަސީލަތެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. 

No comments:

Post a Comment

ޚިދުމަތެއް ފޯރުކޮށްދޭވޭނެ އެންމެ ރަގަޅު އެންމެ ޚަރަދު ކުޑަގޮތް ހޯދުން

ޚިދުމަތެއް ރަގަޅަށް މޮޅަށް ދޭށޭ ތަނަކުން ބުނާއިރު އެކަމާ ހަވާލުވެފައިތިބޭ ވެރިންނާއި ތިބި މުވައްޒަފުން އެންމެ އަވަހަށް އެތަނެއްގެ މެ...