Thursday, May 9, 2013

އަލަށް ވަކި އިންޑަސްޓްރީއަކަށް ވަނުމުގެ ކުރިން ބަލަންޖެހޭ ކަންކަން





އާކުންފުނިތަކަށް އިންޑަސްޓްރީއަށް ވަދެވިދާނެ ފުރުޞަތުތައް ފުޅާނަމަ އެއިންޑަސްޓްރީއަކަށް އާކުންފުނިތަކުން ވަންނާނެއެވެ. މިހެންވުމުން އިންޑަސްޓްރީ ނުވަތަ ސިނާޢަތުގައި މިހާރުހުރި ކުންފުނިތަކަށް ލިބޭމާރކެޓް ނިސްބަތުން ދަށްވެގެންދާނެއެވެ. މިސާލަކަށް ޓެލެކޮމިޔުނިކޭޝަން މާރކެޓަށް ވަނުމުގެ ފުރުޞަތު އެހެންފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ހުޅުވާލުމުން މިކުންފުނިތަކުގެ މެދުގައި ޚިދުމަތް ހޯދާ ފަރާތްތަކާއި(Customers)  ފައިދާ (Profit)ބެހިގެން ދިއުންހިމެނެއެވެ. އިންޑަސްޓްރީއަކީ ވަންނަން ވަރަށް އުނދަގޫ އިންޑަސްޓްރީއެއްނަމަ މިހާރު ހުރި ކުންފުނިތަކަށް ބޮޑުފައިދާ ލިބި ވާދަވެރިކަންކުޑަވެ، އަދި އަލަށް އެދާއިރާއިން ކުންފުނިތަކުން އިންވެސްޓްކުރުމަށް ފަސްޖެހޭނެއެވެ. އިންޑަސްޓްރީއެއްގައި އާކުންފުންޏަކުން އިންވެސްޓްކުރުމުގައި ބަލާ ކަންތައްތަކަކީ:

1. ސަރުކާރުގެ ޕޮލިސީ: ބައެއް އިންޑަސްޓްރީއަށް ކޮންމެ ބަޔަކަށްވެސް ވަދެވޭގޮތަށް ހުރެއެވެ. އެހެންނަމަވެސް އަނެއްބައި އިންޑަސްޓްރީތައްއަލަށް ވިޔަފާރިއަށް ވަންނަންބޭނުންވާ ފަރާތްތަކަށް،ހުޅުވާލެވިފައިވާ މިންވަރު ކޮންޓްރޯލް ކުރެވިފައިވެއެވެ. ކޮންޓްރޯލް ކުރެވިފައިވާނަމަ އެއީ މިހާރު  އިންޑަސްޓްރީގައިތިބި ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ފައިދާ ކުރާނެ ކަމެކެވެ. އެހެންނަމަވެސް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެޅިފައިވާ ހުރަހެކެވެ. (ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ބައްލަވާލައްވާ)
2. ފަށައިގަތުމަށްޓަކައިވަރަށްބޮޑު ހޭދައެއް ނުވަތަ ޚަރަދެއް ހިގާނކަމަކަށް ވުން: ސިމެންތި އުފެއްދުން، މަސްބާނާ ބޯޓެއް ބަނުން ، ފުޅީގައި ފެންބަންދުކުރުން. ނޫސްޗާޕްކޮށްގެން ނެރުން، މިފަދަ އިންޑަސްޓްރީއަކަށް ވަންނަންޏާ ފުރަތަމަވެސް ބޮޑުހޭދައެއް(Investment)  ކުރަން ޖެހެއެވެ.
3. ތަކެތި ގިނަޢަދަދަކަށް އުފެއްދުމުގެ ފުރުޞަތު އޮތްނަމަ ނިސްބަތުން ހިގާ ޚަރަދު ވަރަށް ބޮޑުތަން ކުޑަވެއެވެ. މިބަދަލު އަންނަނީ ފިކްސްޑް ކޮސްޓް (ކުރުމުއްދަތެއްގައި ބަދަލުނުވާ ވަކި ވަރެއްގައި ހިފެހެއްޓިފައި ހުންނަ ޚަރަދު ތައް: މިސާލު:  ކުލި، މުވައްޒަފުންގެ މުސާރަ) އެއްވަރެއްގައި ހުރެ އުފައްދާތަކެތީގެ އަދަދު (Volume) މައްޗައް ދިއުމުންނެވެ.(Economies of scale) މިޙާލަތުގައިއިންޑަސްޓްރީގައި މިހާރު ތިބި ގިނަދުވަސްވީ ކުންފުނިތަކުގެ ޚަރަދު އެތައް ގުނައެއް ކުޑަވުމުން ތަކެތި އަގުހެޔޮކޮށް ވިއްކޭނެއެވެ. އަދި އަލަށް ވަންނަ މީހަކަށް ނުވަތަ ކުންފުންޏަކަށްޚިދުމަތްހޯދާފަރާތްތައް އެވަރަށް ހޯދުމަށާއި އަދި ފަށައިގަންނައިރު އުފެއްދޭވަރު މަދުވުމުގެ ސަބަބުން، އުފެއްދުންތަކުގެ އަގު ބޮޑުކުރަންޖެހިދެއެވެ.
4. ޚިދުމަތް ހޯދާ ފަރާތްތަކުގެމެދުގައި މަޤުބޫލް އަދި މަޝްހޫރު މަރުކާތައް(Brand)ހުރުން. މަޝްހޫރު މަރުކާއެއް ފަހަތައް ޖައްސާލާފައި އަލަށް ފަށައިގަންނަ ފަރާތަކަށް ކުރިއަށް ދިއުމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވެގެންދާނެއެވެ. މިސާލަކަށް ރާއްޖޭގައި އެންކަރމިލްކާއި، ކޯސްޓްމިލްކަކީ ވަރަށް މަޝްހޫރު އަދި މީހުންނަށް އެގިފައިވާ މަރުކާތަކެކެވެ. ކިރުގެ ބާޒާރަށް މަރުކާއެއް ނުވަތަ ބްރޭންޑެއް ތަޢާރަފްކުރަން ބޭނުންވާނަމަ މިހާރުހުރި ބްރޭންޑްތައް ފަހަތައް ޖައްސާލަން ނުވަތަ އެއާ އެއްހަމަޔެއްގައި ހިފެހެއްޓުމަށް އިޝްތިހާރުކުރުމަށާއި ތަފާތު އެކިކަންތައްތަކަށް ބޮޑު ޚަރަދެއް ހިނގާނެއެވެ.
5. އުފައްދާ ތަކެތި ޑިސްޓްރިބިއުޓް ކޮށްދޭ ނެޓްވޯކެއް އުފެދިފައިވާ މިންވަރު. މިސާލަކަށް ރަށްރަށަށް ތަކެތި ވިއްކުމަށްޓަކައި ނުވަތަ ޚިދުމަތްތައް ދިނުމަށްޓަކައި އެރަށްރަށުގައި އެޖެންޓުން ނެތްނަމަ އަލުން ބަޔަކު ހޯދުމަށް ގިނަ މަސައްކަތްތަކަކާއި ޚަރަދުތަކެއް ކުރަންޖެހެއެވެ.
6. އިންޑަސްޓްރީގައި މިހާރު ތިބި ފަރާތްތަކުގެ ތަޖުރިބާއާ ހުނަރުވެރިކަން ކުރިއަރާފައިވާ މިންވަރު. މިސާލަކަށް މިހާރު ޢާންމުންގެ ތެރޭގައި މަޤްބޫލުކަން ހޯދާފައިވާ ވާހަކަ ލިއުންތެރިންގެ ވާހަކަތައް ވިއްކުމަށް ހިނގާ ޚަރަދާއި އަލަށް ވާހަކަ ލިޔާ ލިއުންތެރިއެއްގެ އުފެއްދުން އިޝްތިހާރުކުރުމަށް ހިގާޚަރަދު، ތަފާތުވެފައި، އުނދަގޫވުމަކީ އެކަށީގެންވާކަމެކެވެ.

މަތީގައިވާ ސަބަބު ތަކުގެ އަލީގައިއިންޑަސްޓްރީއެއްގައި ރަނގަޅަށް ޤާއިމްވެފައިވާ ކުންފުނިތަކުން އެހެންކުންފުނިތައް އެއިންޑަސްޓްރީއަކަށް ވަނަ ނުދިނުމަށް، ކުރެވެންހުރި ކަންތައް ކުރާނެކަން ދަންނަންވާނެއެވެ. (ގިނަ ޤައުމުތަކުގައި ވިޔަފާރީގެ ވާދަވެރިކަން ކުޑަވެ އެއް ކުންފުންޏަކަށް ނުވަތަ ކުންފުނިތަކަކަށް ބާރުލިބިދޭފަދަ ކަންތައް ކުރުމަށް ޤާނޫނީގޮތުން ހުރަސްއަޅައެވެ. މިގޮތުން ވިޔަފާރީގެ ވާދަވެރިކަން ކުޑަކޮށްލާ ބޮޑެތި ކުންފުނިތައް އެއްކޮށްލުން Mergerފަދަ ކަންކަމަށް ޤައުމުތަކުގެ ޤާނޫނުތައް Anti-trust laws ހުރަސްއަޅައެވެ). ބޭނުމަކީ ވާދަވެރިކަން މާރކެޓްގައި ދެމެހެއްޓުމެވެ. އެއީ އަލަށްވަންނަ ފަރާތްތަކަށާއި ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް ގިނަފަހަރު އެންމެ ފައިދާ ހުރި ގޮތަކީ ވިޔަފާރީގައި ވާދަވެރިކަން އިތުރުވުން ކަމުގައިވާތީއެވެ. މާރކެޓްގައި ކުންފުނިތައް ގިނަވެ އެއްކުންފުނި އަނެއް ކުންފުންޏާވާދަކުރާނަމަ އަނެކާއަށްވުރެ ރަގަޅު ޚިދުމަތެއް ރަގަޅުއަގެއްގައި ދިނުމަށް އިސްކަން ދެވޭނެތީއެވެ. އަދި އެކަމުގެ ފައިދާ އިންޑަސްޓްރީއަށާއިޚިދުމަތް ހޯދާފަރާތްތަކަށްވެސް ލިބިގެންދާނެތީއެވެ.

No comments:

Post a Comment

ޚިދުމަތެއް ފޯރުކޮށްދޭވޭނެ އެންމެ ރަގަޅު އެންމެ ޚަރަދު ކުޑަގޮތް ހޯދުން

ޚިދުމަތެއް ރަގަޅަށް މޮޅަށް ދޭށޭ ތަނަކުން ބުނާއިރު އެކަމާ ހަވާލުވެފައިތިބޭ ވެރިންނާއި ތިބި މުވައްޒަފުން އެންމެ އަވަހަށް އެތަނެއްގެ މެ...