Thursday, May 2, 2013

ތިމާ ދައްކާވާހަކަ ގަބޫލުނުކުރުމަށް ދައްކާ އުކުޅުތަކާއި ބަހަނާތައް




ބަޔަކާއި މައްސަލައެއްގައި ވާހަކަ ދައްކައި ވަކިގޮތެއް ހުށަހަޅާއިރު ގިނަފަހަރަށް ތިމާ ބުނާ އެއްޗަކަށް ފާޑުކިއުމުގެ ބަދަލުގައި ތިމާ އަށާއި ތިމާގެ މަގާމާއި އަދި މިނޫންވެސް މައްސަލައާއި ނުގުޅޭ އުކުޅުތަކާއި ބަހަނާތަކެއް އެވާހަކައެއް ގަބޫލްނުކުރުމަށްޓަކައި ދައްކާތަން ފެނިގެންދާނެއެވެ. މިފަދަ ބަހަނާ ތަކާއި ބޭނުންކުރާ އުކުޅުތަކަށް ތިމާ ވިސްނައި އެކަންކަން ދެނެގަތުމަކީ ބަޔަކަށް ކާމިޔާބުކަމާއެކު ކަމެއް ހުށަހެޅުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އަދި ޚާއްސަކޮށް އެކަމަކީ އެބަޔަކު ކުރަން ބޭނުންނުވާ ކަމެއް ކަމަށްވާނަމަ ކަމުގެ މުހިއްމުކަން ބޮޑެވެ. ތިމާދައްކާ ވާހަކަ ގަބޫލުނުކުރުމަށް ދައްކާ ބައެއް ބަހަނާ ތަކާއި އުކުޅުތަކަކީ؛


1.  ހަމައެކަނި ތިމާ ދައްކާވާހަކައަށް ބާރުދޭ ހެކިތައް ނަގައި އެއާއި އިދިކޮޅަށް ހުންނަ ހެކިތަކުގެ ވާހަކަ ނުދެއްކުން.



2. މައްސަލައިގެ އެތައް ހައްލެއް ނުވަތަ އެކަން ދިމާވި އެތައް ސަބަބެއް އޮންނަ އިރުވެސް 1 ނުވަތަ 2 ސަބަބެއް ދައްކައި އެނޫންގޮތެއް ނެތްކަމަށް ހީވާ ގޮތަށް ވާހަކަ ދެއްކުން: މިސާލަކަށް "އަހަރެމެންނާ އެކު ނުވާނަމަ ތިއައީ އަހަރެމެންނާ ދެކޮޅު މީހެކެވެ". އެކުގައި ނުވިއަސް ކޮންމެހެން ދެކޮޅުވެރިނުވެދާނެއެވެ.



3. ބުނި އެއްޗެއްގެ ބަދަލުގައި ބުނި މީހާއަށް ފާޑުކިއުން:މިސާލު: އޮފީސް ހިންގުން ރަގަޅުކުރާ ވާހަކަ ދައްކާއިރު އޭނާގެ ސެކްޝަން އޮންނަނީ ބޮއްސުން ލާފައެވެ.



4.އެއްޗެއް ބުނި މީހާގެ މަގްސަދާމެދު ސުވާލުއުފެއްދުން: ސަރުކާރު ހިންގުންތެރިކަން ދައްކަމަށް ވާހަކަ ދައްކާއިރު އޭނާއަކީ އިދިކޮޅު ޕާޓީގެ މީހެކެވެ.



5. ހެކި ދެއްކުމުގެ ބަދަލުގައި އިހްސާސްތަކާއި ކުޅެލުން: ތިމާވެއްޓަން އަންނަ ބަދަލުތައް ނުހުއްޓިއްޖެނަމަ ދިވެހިން ރެފިއުޖީންނަށް ވެދާނެއެވެ.



6.  ވާހަކަ ދައްކާ މީހާ ހުށަހަޅާ މައްސަލަ އޮޅުވާލުން:
މިސާލު:
ފުރަތަމަ މީހާ:"ކައުންސިލަރުންގެ އަދަދުމަދުކުރަން އެބަޖެހެއެވެ". މިއަށް ރައްދެއްގެ ގޮތުން 
ދެވަނަ މީހާ: "ކައުންސިލަރުން ނެތްނަމަ ލާމަރުކަޒީކޮށް ގާނޫނު ހިންގުމުގެ މަގްސަދު އޮޅި ޚުދުމުހުތާރު ވެރިކަމެއް ފެށިދާނެއެވެ". 

މީގައި ފުރަތަމަ މީހާ އެބުނަނީ ކައުންސިލަރުން މަދުކުރަން ޖެހޭ ވާހަކައެވެ. އެއްވެސް ހާލެއްގައި ކައުންސެލަރުންގެ މަގާމް އުވާލާ ވާހަކައެއް ނޫނެވެ. އެކަމަކު ދެވަނަމީހާ އޭނާއަށް ޖަވާބުދެނީ ކައުންސިލަރުން މަގާމް އުވާލުމަށް ހުށަހެޅުމުން ދޭފަދަ ޖަވާބެކެވެ.


ވާހަކަގެ އަސްލު މައްސަލައަށް ވާހަކަ ދައްކާ ރަގަޅު ހުއްޖަތުން އޮއްޓަރެއް ހުރި ވާހަކައެއް ދައްކައިގެން ތިމާ ބަލި ނުކުރެވޭނެކަމަށް ހީވެއްޖެނަމަ އެވާހަކައެއް އަޑުނޭހުމުގެ ގޮތުން ދައްކާ މިފަދަ ބަހަނާ ތަކާއި އުކުޅުތަކަށް ސަމާލުވުމުން ތިމާގެ ދޭ މެސެޖުން އެ ރައްދުވާމީހާއަށް ރެކި ގަންނަން އުދަނގޫވެ ތިމާގެ މަގްސަދު ހާސިލްވުމަށް ފަސޭހަވާނެއެވެ.
 

No comments:

Post a Comment

ޚިދުމަތެއް ފޯރުކޮށްދޭވޭނެ އެންމެ ރަގަޅު އެންމެ ޚަރަދު ކުޑަގޮތް ހޯދުން

ޚިދުމަތެއް ރަގަޅަށް މޮޅަށް ދޭށޭ ތަނަކުން ބުނާއިރު އެކަމާ ހަވާލުވެފައިތިބޭ ވެރިންނާއި ތިބި މުވައްޒަފުން އެންމެ އަވަހަށް އެތަނެއްގެ މެ...