Monday, May 6, 2013

ތިމާއަކީ ބަސްވިކޭ އެހެންމީހުން ތިމާ ފަހަތުން ދާނެފަދަ މީހަކަށްވުމަށް


ވަކިމަގާމެއްގައި ތިމާ ހުއްޓެއް ކަމަކު ތިމާގެ ބަސްނުވިކި ތިމާފަހަތުން ދާނެ ބަޔަކު ނެތްނަމަ ތިމާގެ ކިބައިގައި ލީޑަރަކަށް ވުމަށް ބޭނުންވާ ސިފަތައް ނެތްކަން ގަބޫލުކުރާށެވެ. މިފަދަ ހާލަތުގައި ބަސްނުވިކޭ އޮޑިއެއްގެ ދިރުބާކޮޅަށް އަރާ ހުރުމުގެ އިހްސާސްވެ ތިމާ މާޔޫސްވުމުގެ ބަދަލުގައި ލީޑަރުންނަކީ އުފެދޭ އެއްޗަކަށްވުރެ އުފައްދާ އެއްޗެއްކަން ދަންނާށެވެ. ލީޑަރުން އުފައްދަނީ އެފަދަމީހުންގެ ކިބައިގައި ހުންނަ ވަކިކަހަލަ ކަންތައްތަކާއި ސިފަ ތަކެއް ތިބާގެ ކިބައިގައި އަށަގަންނަވައިގެންނެވެ. ކޮންމެ ފަންތިއެއްގައި މަސައްކަތްކުރާ މީހެއްކަމުގައިވީނަމަވެސް ކާމިޔާބު ލީޑަރަކަށް ތިމާ ވުމަށްޓަކައި ތިރީގައި ބަޔާންކުރާ ސިފަތައް ދަސްކޮށް ލިބިގަތުމަށް މަސައްކަތްކުރާށެވެ. 

1. ކަންކުރެވޭނެ ކަމުގެ ޔަގީންކަމާއި ހިއްވަރު: ކުރަން އުޅޭ ކަމެއްގައި ތިމާގެ ޔަގީންކަން ނެތްނަމަ މުވައްޒަފުންވެސް އެކަން ދެނެގަނެ އެކަމަށް ފަސްޖެހޭނެއެވެ. ޔަގީންކަމަކީ އަމިއްލަ ނަފްސަށް ތިމާކުރާ އިތުބާރަށް ބިނާވެފައިވާ އެއްޗެކެވެ. އެ އިތުބާރު ހޯދޭނީ ކުރަން އުޅޭކަމެއްގެ އެކޮޅު މިކޮޅު ބަލައި ކުރާނެ ގޮތް ކަނޑައަޅައި އަންނާނެ ލޮޅުންތައް އަންދާޒާކޮށް ބަލައި ހިއްވަރާއިއެކު މަސައްކަތް ފަށައިގަތުމުންނެވެ. ކުއްލި ކުއްލިއަށް ވާނުވާ ނުބަލާ އާކަންކަން ތައާރަފްކޮށް ކުރަން އުޅެ ފެއިލްވާނަމަ އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި އޮންނަ ޔަގީންކަމަށް ލޮޅުން އަރާނެއެވެ.
2. މުއާމަލާތްކުރުން: ކަންކަން ފަށާއިރުއާއި ހިންގާއިރު އެކަމެއްގެ މައުލޫމާތު އެކަމެއްގައި މަސައްކަތްކުރާ އެންމެންނަށް ދިނުމާއި އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޖަވާބުދީ އޮޅުންފިލުވައިދިނުމަކީ ކަންކަން އޮމާންކަމާއިއެކު ގެންދިއުމަށް ފަސޭހަވާނެކަމެކެވެ. އަދި ހަދަހަދައިގެން މަސައްކަތުގެ މާހައުލުގައި ދޮގު ވާހަކަ ފަތުރާ މީހުންގެ އޮޅުވާލުންތަކުން މުވައްޒަފުން ސަލާމަތްވާނެވެސް ކަމެކެވެ. ހަމަ އެގޮތަށް ފިނިކުރި ކޮޓަރީގައި ހައްޔަރު ވެފައި ނުހުރެ އަމަލީ މައިދާނަށް ނިކުމެ މުވައްޒަފުން މަސައްކަތްކުރާ ގޮތް ބަލާ ސެކްޝަންތަކަށްވަދެ ވާހަކަދައްކާ ހެދުމަކީ ހިންގުންތެރިކަމުގެ ހަރުދަނާ ސިފައެކެވެ.
3. ގުޅުންތެރިކަން: މުވައްޒަފުންނާ ވާހަކަދައްކާ އެމީހުންގެ މައްސަލަތަކަށް ވަގުތު ހުސްކޮށް އަޑުއަހާ މަސައްކަތުގެ މާހައުލުގައި ގާތް ގުޅުމެއް ބޭއްވުމަކީ ކަންކަން ގޯސް ވުމުގެ ކުރިން އެކަމުގެ މައުލޫމާތު ތިމާއާށްވެސް ލިބޭނެ ފަސޭހަ ގޮތެކެވެ. ގާތްވިއަސް އެކުގައި ވަކި މުވައްޒަފަކު ގޮވައިގެން ސަޔަށްގޮސް ހެދުމުން އެއްކިބާވާށެވެ. މުވައްޒަފަކާއި ޒާތީ ގާތްކަމެއް އުފެދިއްޖެނަމަ ޖަވާބުދާރީ ކުރުވާ ޒިންމާކުރަން އުދަނގޫވާނެއެވެ. 
4. ގާބިލްކަން: ތިމާ ކުރާ މަސައްކަތުގައި ތިމާއަކީ ގާބިލް މީހަކަށްވިއަސް ގާބިލްކަން އިތުރު ކުރުމަށް އަބަދުވެސް މަސައްކަތްކުރުން. މިގޮތުން ތަމްރީންތައް ހެދުމާއި މިފަދަ ލިއުންތައް ކިއުމާއި އަދި ތަޖްރިބާކާރުންގެ ކިބައިން ތިމާއާށް ނޭނގޭ ކަންކަމުގައި ލަފާހޯދާ ކަންކަން އޮޅުން ފިލުވަން އަބަދުވެސް މަސައްކަތްކުރުން
5. ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުވުގެ ހުނަރު: އެއްވެސް މީހަކަށް އެކަނިމާއެކަނި ކަމެއް ހާސިލެއް ނުކުރެވޭނެއެވެ. މުޅިއޮޑީގައި ހަސަނުގެ ދެފައި އޮންނަ ގޮތަކަށް އުޅުމުގެ ބަދަލުގައި އިސްވެ ކަންކަމުގައި އުޅެވޭނެ ގާބިލް ހީވާގި އަތި އިތުބާރު ކުރެވޭ ޓީމެއް އުފެއްދުން މުހިއްމެވެ. މިގޮތުން ކުރަން އޮންނަ ކަމާއި އެކަން ހަވާލުކުރާ މީހާގެ ގާބިލްކަން ދިމާކުރުމަކީ ކަމެއް ރަގަޅަށް ގެންދިއުމަށް، ރޭވުންތައް ރޭވުމަށް ވުރެވެސް މުހިއްމު ކަމެއް ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. 
6.  ދުރު ވިސްނުން: ތިމާބޭނުންވާ ކަމަކާއި އެކަމެއް ހާސިލްކުރަން ކަންކަން ކުރާނެ ގޮތްތަކާއި ދާންއުޅޭ މަންޒިލަކީ ކޮބައިކަން ތިމާއާށް ސާފުވެފައި އޮންނަންވާނެއެވެ. އަދި އެތަސްވީރު ތިމާގެ މުވައްޒަފުންނަށް ބަޔާންކޮށްދީ ސާފު ކޮށްދިނުމަކީ މުވައްޒަފުން ވެރިއާގެ ކައިރީ މަސައްކަތްކުރުމަށް ޝައުގުވެރިވާނެ ކަމެކެވެ. ދާން އުޅޭ ދިމާ ތިމާއަށް ނޭގޭނަމަ މިސްރާބު ނެތް އޮޑިއެއް ފަދައިން ދަތުރު ކުރެވި ޚަރަދުތަކެއް އެކަމަށް ކުރެވި ހާސިލްކުރެވުނު ކަމެއް ނޯންނާނެއެވެ. 
7. ދަށުން މަސައްކަތްކުރާމީހުންނަށް މިސާލަކަށްވުން: މުވައްޒަފުން ކަމެއް ނިންމުމަށް ރެއާދުވާލު މަސައްކަތްކުރާއިރުވެސް އެއްވެސްގޮތަކުން ވާނުވާ ބަލާނުލެވި އަޅާނުލެވި ކިތަން ކަންތައް ދޭތޯއެވެ؟ ކަމެއް ކުރާށޭ ބުނެފައި ތިމާ ދުރުގައި ރީތި ކޮށް ހުރުމުގެ ބަދަލުގައި ތިމާވެސް އެކަމުގެ އުޅެ މުވައްޒަފުންނަށް މިސާލުދައްކާ ހީވާގި ކަމާއިއެކު މަސައްކަތް ކުރުމަކީ ދެން ތިބި ބަޔަކަށްވެސް ކޮންމެ ގޮތެއް ވަރިހަކަމަކޮށް ކަން ފަސޭހަކޮށްގެން ތިބުމަށް އުދަނގޫވާނެކަމެކެވެ. 

No comments:

Post a Comment

ޚިދުމަތެއް ފޯރުކޮށްދޭވޭނެ އެންމެ ރަގަޅު އެންމެ ޚަރަދު ކުޑަގޮތް ހޯދުން

ޚިދުމަތެއް ރަގަޅަށް މޮޅަށް ދޭށޭ ތަނަކުން ބުނާއިރު އެކަމާ ހަވާލުވެފައިތިބޭ ވެރިންނާއި ތިބި މުވައްޒަފުން އެންމެ އަވަހަށް އެތަނެއްގެ މެ...